މާލެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އިފާޒް / ޖަޒީރާ

އެންމެ ހަފްތާއެއް ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިން ގުނައަށް އިތުރުވެ ރެޑް އެލާޓަށް މިވަނީ އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ ހަފްތާތެރޭ (ޖެނުއަރީ 14-20) އާ ހަމަޔަށް އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 10،480 ކޮވިޑް ކޭސް ފެނިފައި ވެއެވެ. އެއީ މާލެ ސަރަހައްދުން ފެނުނު 5،814 ކޭސްއާއި، އަތޮޅުތެރެއިން ފެނުނު 2،886 ކޭސްއާއި ރިސޯޓުތަކުގެ 652 ކޭސްގެ އިތުރުން ކަނޑުމަތީގެ އުޅަނދުތަކުން ފެނުނު 19 ކޭސް އަދި ވަކިތަކެއް ޔަގީން ނުކުރެވޭ 1،109 ކޭސްއެވެ.

މި ހަފްތާތެރޭގައި ފެނިފައިވާ ކޭސްތަކުގެ އަދަދަކީ ކުރީ ހަފްތާއާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. ފާއިތުވި ތިން ހަފްތާގައި ކޭސްތައް ރިޕޯޓް ކުރިގޮތަށް ބަލާލާއިރު، ފުރަތަމަ ހަފްތާގައި ފެނުނު ކޭސްތަކުގެ ދެގުނަ ދެވަނަ ހަފްތާގައި ފެނުނެވެ. އަދި ދެވަނަ ހަފްތާގައި ފެނުނު ކޭސްތަކުގެ ތިންގުނަ ތިންވަނަ ހަފްތާގައި ފެނުނެވެ.

  • ފުރަތަމަ ހަފްތާ (ޑިސެމްބަރު 31 - ޖެނުއަރީ 6) - 1،510 ކޭސް
  • ދެވަނަ ހަފްތާ (ޖެނުއަރީ 7 - 13) - 3،401 ކޭސް
  • ތިން ވަނަ ހަފްތާ (ޖެނުއަރީ 14 - 20) - 10،480 ކޭސް

ފެނުނު ކޭސްތަކާއެކު ޓެސްޓު ކުރި މީހުންގެ އަދަދުތައް ވެސް ފާއިތުވި ހަފްތާތަކުގައި އިތުރުވެފައިވާއިރު، ސާމްޕަލް ޕޮޒިޓިވިޓީ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު ފެށުނުއިރު ސާމްޕަލް ޕޮޒިޓިވިޓީ ފަސް ޕަސަންޓުގައި ހުރުމަށްފަހު މިހާރު ވަނީ 22 ޕަސަންޓަށް އިތުރުވެފައެވެ.

  • ފުރަތަމަ ހަފްތާ - 17،587 ސާމްޕަލް، 5 ޕަސަންޓް ޕޮޒިޓިވްވި / މާލެއިން 8،568 ސާމްޕަލް، 6 ޕަސަންޓް ޕޮޒިޓިވްވި
  • ދެވަނަ ހަފްތާ - 34،225 ސާމްޕަލް، 9 ޕަސަންޓް ވޮޒިޓިވްވި / މާލެއިން 15،419 ސާމްޕަލް، 9 ޕަސަންޓް ޕޮޒިޓިވްވި
  • ތިން ވަނަ ހަފްތާ - 45،934 ސާމްޕަލް، 22 ޕަސަންޓް ޕޮޒިޓިވްވި / މާލެއިން 23،794 ސާމްޕަލް، 24 ޕަސަންޓް ޕޮޒިޓިވްވި

ކޮވިޑަށް މިވަގުތު ފަރުވާކުރަމުންދާ މީހުންގެ އަދަދު ނުވަތަ އެކްޓިވް 10،537 ކޭސް މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 43 މީހަކަށް ފަރުވާ ދެމުންދާއިރު، ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 269 އަށް އަރާފައެވެ. ނަމަވެސް މިދިޔަ ހަފްތާ ތެރޭގައި ކޮވިޑުގައި ހަތަރު މީހަކު މަރުވެފައި ވެއެވެ.

ކޮވިޑުގެ އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ 2020 އަހަރުގެ މާޗު މަސްތެރޭގައެވެ. އޭގެ ފަހުން ޖުމްލަ 110،931 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 100،112 މީހަކު ކޮވިޑުން ރަނގަޅުވިއިރު، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް އެހެން ސަބަބުތަކާ ހެދިވެސް 13 މީހަކު ވަނީ މަރުވެފައެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން މިދަނީ ކޮވިޑް-19ގެ އާ ވެރިއަންޓް އޮމިކްރޯންގެ ސަބަބުންނެވެ. އޮމިކްރޯން ވޭރިއަންޓާއެކު އައި މި ރާޅުގައި އެންމެ ކޭސްތައް ގިނަވާ ދުވަހު އެކަނިވެސް 6،000 އާއި 9،000 އާ ދެމެދުގެ އަދަދަކަށް ކޭސްތައް ރިޕޯޓް ކުރާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. އަދި ހާލަތު ގޯސްވަމުންދާނަމަ، ލޮކްޑައުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ސިއްހީ މާހިރުން ދަނީ ދެމުންނެވެ.

އޮމިކްރޯންއިން ރައްކާތެރިވުމަށް ރާއްޖެއިން ވެސް ވަނީ ބައެއް ގައުމުތަކުން ރާއްޖެ ދަތުރުކުރާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ހަމައެއާއެކު ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރު ކުރުމުގައި ވެސް ފަސޭހައިން ބަލި ނުފެތުރޭނެހެން ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަލާލާއިރު، މާލެއިން ރަށްރަށަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދިއުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީނު ކުރުމުގެ އިތުރުން މާލެ ސަރަހައްދުގައި 50 މީހުންނަށްވުރެ ގިނައިން މީހުން އެއްވެ ބާއްވާ ހަރަކާތްތައް މެދުކަނޑާލުން ހިމެނެއެވެ. ހަމައެއާއެކު މީހުން ވައްދައިގެން ކުޅިވަރު ހަރަކާތްތައް ބޭއްވުން މެދުކަނޑާލުމުގެ އިތުރުން މާސްކު އެޅުން މަޖުބޫރުކޮށްފައިވާ ކުރުން، ތަންފީޒުކުރުން ހަރުދަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އޮމިކްރޯންއިން ރައްކާތެރިވުމަށްޓަކައި ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ވަނީ ފަށާފައެވެ. ބޫސްޓާ ޑޯސް ޖަހަން ހުޅުވާލީ ކޮވިޑަށް ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު ހަ މަސް ފުރިހަމަވެފައިވާ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *