މިދިޔަ އަހަރު ކްލެމެންސީ ބޯޑުން ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ.
އޭޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ބޯޑުން 609 މައްސަލަ ނިންމާފައިވެއެވެ. އެއީ ފާއިތުވި 11 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މައްސަލަތައް ނިންމި ފަހަރެވެ.
އޭގެ ކުރިން އެންމެ ގިނަ މައްސަލަ ނިންމާފައި ވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް އެ އަހަރު ނިންމާފައިވަނީ މިދިޔަ އަހަރާ އަލާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ މަދު އަދަދެކެވެ.
އޭޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފެށުނުއިރު ބޯޑުގައި 637 އިލްތިމާސް އޮތެވެ. އަދި އަހަރު ތެރޭގައި 311 އިލްތިމާސް ހުށަހަޅާފައިވެއެވެ.
ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ތިން އަހަރު އެ ބޯޑުން ބާއްވަން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްކުރަން ޖެހިފައެއް ނުވެއެވެ.
ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި ހިމެނެނީ ގާނޫނީ ދާއިރާއިން މީހަކާއި ތައުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ސިއްހީ ދާއިރާގެ މީހަކާއި ދީނީ އިލްމުގެ މީހަކާއި މަދަނީ ޖަމްއިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރަކެވެ. އޭގެ އިތުރުންވެސް ފުލުހުންގެ ދާއިރާގެ މީހަކާއި ޝަރުއީ ދާއިރާގެ މީހެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރެއްވެސް އެ ބޯޑުގައި ހިމެނެއެވެ.