ސިރިންޖެއް ބޭނުންކޮށްގެން އިންސާނަކު މަރާލާނެ ގޮތް، ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ހަލީމަތު ލަމްހާ އިންޓަނެޓުން ހޯދުމަށްފަހު އެ މައްސަލައިގައި ދެން ހިމެނޭ މޭރީގެ ފިރިމީހާ މާވިން އެސް.ވައިއަށް ކިޔައިދިންކަމަށް ޕީޖީ އޮފީހުން މިއަދު އޮތް އެ މައްސަލައިގެ ބަންދު އަޑުއެހުމުގައި ބުނެފިއެވެ.
އެ މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާއިރު، މިއަދުގެ ޝަރީއަތުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ. އެކަމަކު އޭނާގެ ބަންދަށް ކޯޓުން ޖަހައިދިނީ 30 ދުވަހެވެ. އަދި ވަކީލަކު ނެރުމުން މާވިންއަށް ވަކީލަކު ހަމަޖެއްސަން 10 ދުވަސް ކޯޓުން ދީ މާވިންގެ މައްސަލަ މިއަދަށް ނިންމާލިއެވެ.
ލަމްހާއަށް އެ މައްސަލައިގައި ކުރާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުވީ ވަކީލަކާއެކުގައެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމުގެ ހެކި ހުރި ކަމަށް ބުނެ ލަމްހާއަށްވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދިފައެވެ. ހެކީގެ ގޮތުގައި ދައުލަތުގެ ވަކީލުން ބުނީ މޭރީ މަރާލުމުގެ ކުރިން ލަމްހާ އިންޓަނެޓް މެދުވެރިކޮށް އެކަން ކުރާނެ ގޮތް ހޯދާފައިވާ ކަމަށެވެ.
ބަންދު އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާ އިންޓަނެޓް މެދުވެރިކޮށް އިންޖެކްޝަނެއް ބޭނުންކޮށްގެން މީހަކު މަރާލާނެ ގޮތް ހޯދި ކަމަށް ބުނެފައެވެ. އަދި ސިރިންޖަކުން މާއްދާއެއް ހަށިގަނޑަށް އިންޖެކްޓްކުރާނެ ގޮތާއި އޭގެ ބޭނުންކޮށްގެން ހޭނައްތާނެ ގޮތާއި، މަރުވާނީ ކިހިނެތް ހެދުމުންކަންވެސް އިންޓަނެޓު މެދުވެރިކޮށް ހޯދުމަށްފަހު މެސެޖުން ލަމްހާ މާވިން އަށް ކިޔައިދިންކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން އެހެން ބުނީ ތަހުގީގުގައި ދެ މީހުންގެ ފޯނުން ލިބެން ހުރި މެސެޖުތަކުގެ އަލީގައެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާ ވަނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ. ލަމްހާގެ ދިފާއުގައި ވަކީލުން ވާހަކަދެއްކިއިރު އޭނާގެ ވަކީލު ވަނީ މޭރީ އާއި ލަމްހާއާ ދެމެދު ހިނގާފައިވާކަމަށް ބުނާ ދެބަސްވުންތަކަކީ "މީހެއްގެ ފިރިއަކާ ރައްޓެހިވެގެން އުޅޭ ނަމަ އަނބިމީހާއާ މެދު ހިގާނެ ފަދަ ދެބަސްވުންތައް" ކަމަށް ބުނެފައެވެ. އެ ހުރިހާ ވާހަކައަކަށް ރިއާޔަތްކޮށް ގަޒީ ވަނީ ލާމްހާއަށްވެސް 30 ދުވަހުގެ ބަންދު މުއްދަތު ޖަހާފައެވެ.
ދައުލަތުން ސިރިންޖެއް ބޭނުންކޮށްގެން މީހަކު މަރާނެ ގޮތް ލަމްހާ މާވިންއަށް ކިޔައިދިންކަމަށް ބުނާއިރު، އެ ދެ މީހުންނަކީވެސް ނަރުހުންނެވެ. އޮކްޓޯބަރު މަސް ތެރޭ ފިލިޕީންސްއަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރީވެސް އޭނާގެ ފިރިމީހާ މާވިންއެވެ. ނަމަވެސް އެ މައްސަލައިގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން، ފުލުހުން ވަނީ މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދާފައެވެ. އެ ޕޯސްޓްމޯޓަމުން ދެއްކީ މޭރީ މަރުވެފައިވަނީ ހަރު އެއްޗަކުން ޖެހުމުންކަމަށް ދައްކައިފައެވެ.
އެ މައްސަލައިގެ ތަހުގީގަށްފަހު މާވިންއާއި ލަމްހާގެ މައްޗަށް މޭރީ މަރާލުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި އެ ދެ މީހުންގެ މައްޗަށް މިދިޔަ މަސް ތެރޭ ވަނީ ދައުވާ ވެސް ކޮށްފައެވެ. އެ މައްސަލައިގައި ދެ މީހުންގެ މައްޗަށް ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައިވާއިރު މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ އެއް ދައުވާއެވެ.
ލަމްހާގެ މައްޗަށް ތިން ދައުވާކުރާއިރު އެ ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
އެ ދައުވާތައް ކުރަނީ ލަމްހާ އުޅުނު ގެ ފުލުހުން ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން ނަގާފައިވާ ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއްގެ އިތުރަށް ބޭސްތަކެއް ފެނިފައިވާތީއެވެ.