ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެކްސިން ލިބުމުގައި ހުރި ތަފާތުކަން ދެމިއޮންނަހާ ހިނދަކު ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް ނުގެނެވޭނެކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އެމަނިކުފާނު މިއަހަރު އިސްކަން ދެއްވާނެ ކަންކަމާ ބެހޭ ގޮތުން އެމަޖިލީހުގައި ތަގުރީރުކުރައްވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑްގެ އާ ވޭރިއެންޓުތައް އަބަދުވެސް ފެންމަތިވަމުންދާނެކަމަށާއި، ބައެއް ވޭރިއެންޓުތައް ވަރަށް ނުރައްކާވާނެކަމަށެވެ. ނުވަތަ ވެކްސިންތަކަށް ނުކަތާވަރުވެސް ވެދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.  އޭގެ ސަބަބުން، މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެކަމުން ސަލާމަތް ވެވެން އޮތީ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަގުތުން ވެކްސިން ލިބޭގޮތް ހަދައިގެންކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ވެކްސިން އުފެއްދުމާއި ބެހުމުގެ ދުވެލި ބާރުކޮށް ރޯލްއައުޓް ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލަން ޖެހޭ ކަމަށެވެ. އަދި ވެކްސިންގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އޭގެއިތުރުންވެސް އަންނަ މަހުގެ 25 ވަނަ ދުވަހު، ވެކްސިނޭޝަނާއި ބެހޭ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމުގެ މައްޗަށް މިނިސްޓަރުގެ ތަގުރީރުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.