މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްގެ ނަމުގައި ހައިޑްރޯގްރަފީގެ މަސައްކަތަށް ހާއްސަ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފިއެވެ.
އަލަށް އުފެއްދި ހައިޑްރޯގްރަފީއާ ގުޅޭ ހާއްސަ އާ އިދާރާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސާވޭތަކުގެ މައުލޫމާތު ހޯދައި، މައުލޫމާތު އެއްކޮށް ބެލެހެއްޓުން ހިމެނެއެވެ.
އޭގެއިތުރުންވެސް ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަދާހަމަކުރުމަކީވެސް މި އިދާރާއިން ކުރަންޖެހޭ މަސައްކަތެކެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްގެ އިތުރު މަސައްކަތްތައް:
- ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މައުލޫމާތު އާންމުކުރުން.
- ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
- ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.
- ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާ ހިންގާނީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުންނެވެ. އެ އިދާރާއަކީ ރާއްޖޭގައި ހައިޑްރޯގްރަފީގެ މަސައްކަތަށް ހާއްސަކޮށް އުފެއްދި ފުރަތަމަ އިދާރާއެވެ. އެ އިދާރާ އުފެއްދިއިރު، މިފަހުން އިންޑިއާއާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޯގްރެފިކް ސާވޭތަކެއް ވަނީ ކޮށްފައެވެ.