އިރުވައި މޫސުމާއެކު އަންނަ ގަދަ އޮއެވަރު މާޗް މަހާ ހަމައަށް ދިގުލައިގެން ހިނގާދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން "ޖަޒީރާ" އަށް މައުލޫމާތުދެމުން ބުނީ، ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް އޮއެގަދަ ދުވަސްވަރެއް ކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގައި އޮއެވަރު ހުންނަނީ ހުޅަނގުން ކަމަށާއި ހުޅަނގު މޫސުމާ ތަފާތުކޮށް އިރުވައި މޫސުމުގައި އޮއެވަރު ހުންނަނީ އިރުން ހުޅަނގަށް ކަމަށް މެޓް އޮފީހުން ބުނެއެވެ.
Strong ocean currents over the Maldives. pic.twitter.com/xyygdzQvSd
— Maldives Meteorology (@MetMaldives) January 18, 2022
އޮއެވަރު ގަދަވާ ސަބަބަކީ ވައި ގަދަކޮށް އުޅެތީކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ، ލަފާ ކުރެވޭގޮތުގައި ކުރިއަށް އޮތް މާޗް މަހާ ހަމައަށް ވެސް އޮއެވަރު ގަދަވާނެ ކަމަށެވެ. އޮއެ ގަދަކޮށް އުޅެނީ މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އަޅުގަނޑުމެންގެ ފޯކާސްޓުން ލަފާ ކުރެވޭގޮތުން ކުރިއަށް އޮތް މާޗު މަހުވެސް އޮއެވަރު އުޅޭނީ ގަދަކޮށް، ދެން އެހާގަދަކޮށެއް ނޫން އެކަމަކު އޮއެވަރު ގަދަކޮށް އުޅެނީ މި ދުވަސްވަރު
އޮއެވަރު ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މޫދާއި ކަނޑުމަތީގެ ހަރަކާތްތައް ހިންގާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އޮއެވަރު ގަދަ ދުވަސްވަރު މޫދަށް އެރި އުޅުމުގެ ތެރޭގައި އޮއެގައި ޖެހި، ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހުވެސް އޮއެވަރުގައި ޖެހި، ގެނބިގެންގޮސް އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވި ހާދިސާއެއް ވަނީ ހިނގާފައެވެ.