ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށް މަލާމާތް ރައްދުކުރުމުގެ ގޮތުން އޭނާ އަކީ "އޯޓިސްޓިކް" ކުއްޖެއް ކަމަށް މެދުހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު އާދަމް ރަމީޒު ވިދާޅުވުމާ ގުޅިގެން އަކްރަމް އެކަމަށް ރައްދުދެއްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން މެދުހެންވޭރު ދާއިރިއާ އަށް އިންތިހާބުވެވަޑައިގެންނެވި އަކްރަމް ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އަޅަނީ ކަމަށް ބުނެ އޭނާ އަކީ އޯޓިޒަމް ހުންނަ މީހެއްގެ ގޮތުގައި ރަމީޒު ސިފަކުރެއްވިއެވެ.
އެކަމާ ގުޅިގެން "ޖަޒީރާ" އާ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ، ހާއްސައެހީ އަށް ބޭނުންވާ ކުދިންނަށް ކުޑައިމިސްވާގޮތަށް އެފަދަ އެއްޗެހި ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއީ ސިޔާސީ ކުޅިގަނޑެއް. އެހެންވީމަ ކިޔާ އެއްޗެއް އަޅުގަނޑާ ދިމާލަށް ކިޔާށޭ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ދިމާލަށް އެއްޗެހި ނުކިޔާށޭ މިބުނަނީ
މިފަދަ ކަންކަމަކީ އިދިކޮޅުން މީގެ ކުރިން ވެސް ކޮށްފައިވާކަމެއްކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ ރައީސް ޔާމީން ވެސް މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ދިމާލަށް އެފަދަ ބަސްތައް ރައްދުކުރައްވާފައިވާ ކަމަށެވެ. އެކަމަކު ލީޑަރ ވެސް އެފަދަ ކަންކަން ކުރުމުން ދެން ތިބި ބަޔަކު އެކަން ފޮލޯކޮށްގެންނުވާނެ ކަމަށް ވިދާޅުވެ ރަމީޒުގެ އެ އަމަލު އަކްރަމް ކުށްވެރިކުރެއްވިއެވެ.
ރަމީޒު އެހެން ވިދާޅުވުމަށް ފަހު އޭނާ އަށް ފާޑުކިޔުން އަމާޒުވެ އެކަމަށް މާފަށް ވެސް އެދިފައިވެއެވެ. އަދި އެއީ އޯޓިސްޓިކް ކުދިންނާ ދިމާލަށް ބުނި ކުޑައިމިސް ބަހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަން ޖެންޑަރ މިނިސްޓްރީން ވެސް ކުށްވެރިކޮށްފައިވާއިރު އެ މިނިސްޓްރީން ބުނީ ޖެންޑާ މިނިސްޓްރީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުހާތަބްކޮށް ދަށު ދަރަޖައިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެންބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން އެކުދިންގެ ހައްގު ގެއްލިގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.