މާލެ ސިޓީ - ފޮޓޯ: ޝުއާއު/ޓްވިޓާ

ތިލަމާލެ ބްރިޖް ނުވަތަ ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް އެޅުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ދެ ދުވަސްތެރޭ ފަށަން ތައްޔާރުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޖިއޯޓެކްނިކަލް ސާވޭތަކަކީ މި މަޝްރޫއު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެފްކޯންސް އިންފްރާންޓްރަކްޗާގެ ފަރާތުން ތައްޔަރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ސާވޭތަކެއް ކަމަށެވެ. އެގޮތުން، މި ސާވޭ ކުރުމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން އިތުރަށް ބުނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މާލެ އަދި ވިލިނގިލީގައި ޖިއޯޓެކްނިކަލް ސާވޭގެ އަމަލޫ މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓު މަހު ސޮއިކުރި ނަމަވެސް އަދި މަޝްރޫގެ އަމަލީ މަސައްކަތް ފަށާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ. އެކަމަކު ކޮންޓްރެކްޓަރސް ސައިޓެއް ކަނޑައަޅާ، އެ ސަރަހައްދުގައި ގާއިމްވުމުގެ މަސައްކަތް ފެށުމަކީ ވަރަށް އަވަސް މުސްދތަގުބަލެއްގައި އެ މަސައްކަތް ފެށޭނެ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ތިލަމާލެ މަޝްރޫއުގެ ކޮންޓްރެކްޓަރ ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މާލޭގެ އިންޑަސްޓްރިއަލް ޒޯނުން ސަރަހައްދެކެވެ. އަދި މިހާރު އެ ސަރަހައްދު ހުސްކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އާއި އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ގްރާންޓު ބޭނުންކޮށްގެންނެވެ. އިންޑިއާއިން ވަނީ އެ 100 މިލިއަން ރުފިޔާގެ ތެރެއިން 75 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އެޅިގެންދާނެއެވެ.

ހަމައެހެންމެ، މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެއެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެއެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތައެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.