[ކ-ވ] މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒު، ޖެންޑާ މިނިސްޓަރު އައިޝްތު މުހައްމަދު ދީދީ އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން - ޖަޒީރާ ގްރެފިކްސް / އިފާޒް

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ "އޯޓިސްޓިކް ކުއްޖެއްގެ" ގޮތުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒު ސިފަކުރެއްވުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރި މަލާމާތެއް ކަމަށާއި، އެކަން ބަލައިނުގަނެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުހާތަބުކޮށް ދަށު ދަރަޖައިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެންބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރުގެ އެ އަމަލަކީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ، އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސައެހީތެރިކަމާއި ރައްކާތެރިކަން އުމުރުން ދުވަސްވީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބެންޖެހޭ ހައްގު ގެއްލިގެންދިޔަ އަމަލެއް ކަމަށް ޖެންޑާއިން ބުނެއެވެ.

އަދި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ)ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް އެމީހުންނާއި ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި ފުރައްސާރަކުރުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވާ މާއްދާއަށް ފެތޭ އަމަލެއް ކަމަށް ވެސް ޖެންޑާއިން ބުނެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އަކްރަމަކީ "އޯޓިސްޓިކް ކުއްޖެއްގެ" ގޮތުގައި ސިފަކުރައްވަމުން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާގައި ރަމީޒު ވިދާޅުވީ ސަރުކާރުގެ ބައެއް ވުޒާރާތަކުގައި އޯޓިސްޓިކް ކުދިން ތިބޭ ކަމަކީ އޭނާ ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން އަކްރަމް ކަމާލުއްދީނަކީ ސަރުކާރުގެ މިނިސްޓްރިތަކަށް ލާފައި ތިބި ބޭފުޅުންގެ ތެރެއިން "އޭގެ ކުއްޖެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

ރަމީޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކަމެއް ކުރަން ތައްޔާރުވާއިރަށް އެކަމެއް ނުވާނޭ މިކަމެއް ނުވާނޭ ވިދާޅުވެ އަކްރަމް ސިޓީ ފޮނުއްވާ ކަމަށެވެ. އަދި އަކްރަމް ސިޓީ ފޮނުއްވަނީ އޭނާއަށް ސިޓީ ފޮނުވެން އޮތީމައި ކަމަށާއި، ސިޓީ ފޮނުއްވާއިރު އޭނާ އެއްވެސް ވަރަކަށް ގާނޫނު ނުބައްލަވާ ކަމަށް ރަމީޒު ވިދާޅުވިއެވެ. ރަމީޒު ވަނީ އަކްރަމް ގާނޫނު ތެރޭގައި ހުންނެވުމަށް ގޮވާލައްވާފައެވެ.

އަކްރަމަކީ އޯޓިސްޓިކް ކުއްޖެއްކަމަށް ރަމީޒު ސިފަކުރެއްވުމުން، ރިޔާސަތުގައި އިންނެވި މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ އެކަން ހުއްޓުވާފައެވެ. ހުއްޓުވުމުން ރަމީޒު ވަނީ އެބަސް އަނބުރާ ގެންދަވާ ކަމަށްވެސް ވިދާޅުވެފައެވެ. ކައުންސިލަރު ރަމީޒް ވަނީ ފަހުން އެކަމަށް ސޯޝަލް މީޑިއާގައި މައާފަށްވެސް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.