މަހުމޫދުގެ މަރުގެ ތުހުމަތުވާ ސާލިމް.

އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލި މައްސަލާގައި ދައުވާކުރި  ޝާ އަލޮމް މިއާ (ސާލިމް) އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ކޯޓުގައި ވެސް އެއްބަސް ވެއްޖެއެވެ.

އެ މައްސަލާގައި ސާލިމްގެ މައްޗަށް އުފުލާފައި ވަނީ ދެ ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މަރާލުމުގެ ފައުވާއާއި، މައްޔިތާގެ ބޭނުން ނަހަމަގިތުގައި ހިފުމުގެ ދައުވާއެވެ. މި ދައުވާތަކަށް ސާލިމް ވަނީ އަދަބު ލުއިކޮށްދިނުމަށާއި މާފަށް އެދި ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމަކަށް އެދިފައެވެ.

މި މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ސާލިމް ވަނީ ކޯޓުގައިވެސް އެ ދައުވާތަކަށް އެއްބަސްވެފައެވެ. އަދި ދިފާއުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެ އިއުތިރާފަކީ އެއްވެސް ކަހަލަ މަޖުބޫރުކަމެއް އޮވެގެން ވެފައިވާ އިއުތިރާފެއް ނޫން ކަމަށް ވެސް ބުންޏެވެ.

މި މައްސަލާގައި ސާލިމް އިއުތިރާފްވެފައިވާތީ، އެފަދަ އެއްބަސްވުމަކަށް ހުށަހަޅާފައި ވީ ނަމަވެސް ދައުލަތުގެ ވަކީލުން މިއަދު ބުނީ މި މަރުގައި ސާލިމްގެ މައްޗަށް މަރަށް މަރު ހިފަން މަހުމުދުގެ ވާރިސުން ބޭނުންވާ ކަމަށެވެ. އެހެންވެ އެއްބަސްވުން ނުހަދަން ދައުލަތުން ވަނީ ނިންމާފައެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރޭގައި ބޯކޮޅު ވަތަށް އޮއްވައި މިދިޔަ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. ވަޅު ތެރޭގައި އޮތީ މަހްމޫދު އަތާއި، ފަޔާއި ބޮލުގައި ގޯނި އައްސާފައެވެ.

އެ މައްސަލާގައި ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މަހުމޫދަށް ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލް ހާމަކޮށްފައެވެ. އެގޮތުން އޭނާގެ ހަށިގަނޑަށް 30ށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ހަމަލާ އަކީ ކުރިޔާލާ ރާވައިގެން ދިން ހަމަލާއެއް ނޫން ކަމަށާއި، އެއީ ފައިސާގެ ބޭނުމުގައި ސާލިމް ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެކަމުގައި ޝާމިލްވެފައި ވަނީ ވެސް ސާލިމް އެކަންޏެވެ. އަދި މަރު ނުވާހެން ހީވުމުން ވެސް އިތުރަށް އަނިޔާކޮށްފައިވާ ކަމަށާއި، ގެންގޮސް ވަޅަށް ވައްޓާލީ ވެސް އެރޭ ދަންވަރު ސާލިމް އަމިއްލައަށް ކޮނޑު މައްޗަށް ލައިގެން ކަމަށް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.