ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ތަހާރަތު މުހައްމަދު ވަހީދަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއް ދީފިއެވެ.
ތަހާރަތު އައްޔަނުކޮށްފައި ވަނީ އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމެވެ. ތަހާރަތު އެންމެ ފާހަގަކުރެވިފައިވަނި ރާއްޖެ ޓީވީގެ ނޫސްވެރިޔެއްގެ ހައިސިއްޔަތުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ ހައިސިއްޔަތުން ތަހާރަތު އަދާކުރައްވާނީ އެ މިނިސްޓްރީގެ މީޑިއާގެ އެންމެ އިސް މަސައްކަތްތަކެވެ. އަދި ހަމައެއާއެކު އެ މިނިސްޓްރީގެ މުއާސަލާތީ މަސައްކަތްތަކުގައިވެސް އެންމެ އިސްކޮށް އުޅުއްވާނީވެސް ތަހާރަތެވެ. އޭނާގެ ދަށުން އެ މިނިސްޓްރީގެ މީޑިއާ ޑިޕާޓްމެންޓް މަސައްކަތްކުރާނެއެވެ.
އެ މަގާމުގެ މުސާރައަކީ 15،000ރ އެވެ. އަދި ލިވިން އެލަވަންސް ގެ ގޮތުގައި އިތުރު 10،000ރ ލިބޭނެއެވެ. ފޯނު އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބޭނެއެވެ. އަދި އޭގެ އިތުރުން އިތުރު ގަޑީގެ މަސައްކަތްކޮށްފިނަމަ އެ ފައިސާވެސް ލިބޭނެއެވެ. މަގާމުގެ މުސާރަ ޖުމްލަ 25،000 ރުފިޔާއަށް ވުރެ އިތުރުވާނެއެވެ.
ތަހާރަތަކީ ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހު އަމިއްލަ ނޫހެއް ކަމަށްވާ "ހަމަ އޮންލައިން" ވެސް އުފައްދައި އޭގައި މަސައްކަތްކުރި މީހެކެވެ. އެ އޮންލައިން އަދިވެސް އޮޕަރޭޓްކުރެއެވެ. ތަހާރަތުގެ އިތުރުން ރާއްޖެ ޓީވީގައި މަސައްކަތްކުރި ގިނަ ނޫސްވެރިންތަކެއް ސަރުކާރުގެ އެކި ސިޔާސީ މަގާމުތައް އަދާކުރައްވަމުންގެންދަވާކަން ފާހަގަކުރެވެއެވެ.