މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މި ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖަކާއި ޕޯޓެއް ގުޅީފަޅުގައި ގާއިމުކުރުމާއި ދެކޮޅު ހައްދަވަނީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ހަމަ އެގޮތަށް ގުޅީފަޅު ތަރައްގީކުރަން ނިންމި ނިންމުމުގައި ހުރި ސަބަބުތައް މިހާރު ނެތުމުންކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތިލަފުއްޓާއި ޖެހިގެން އޮންނަ ގުޅީފަޅު ހިއްކުމަށްފަހު އެ ސަރަހައްދުގައި ފްލެޓް އަޅައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އެތަނުން ބޯހިޔާވަހިކަން ލިބޭ މީހުންގެ ލިސްޓެއްވެސް އޭރު ގެންގުޅުނެވެ.

ނަމަވެސް ނިމިދިޔަ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެ ސަރަހައްދަށް މުޅިން އެހެން ތަސައްވުރެއް ގެންގުޅުއްވާފައެވެ. ބޯހިޔާވަހިކަމުގެ ބަދަލުގައި ގުޅީފަޅު ތަރައްގީކުރަން ނިންމީ އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައެވެ. އަދި އެ ތަސައްވުރު މި ސަރުކާރުންވެސް ގެންގުޅެމުންދާއިރު މޭޔަރު މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރު ކަމުގައި ކުރީ ސަރުކާރުން ގެންގުޅު އެ ތަސައްވުރާއި ދެކޮޅުހައްދަވަމުންނެވެ.

"ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ގުޅީފަޅުގެ ޕްލޭނާ ގުޅިގެން މޭޔަރު މުއިއްޒު ފުރަތަމަވެސް ވިދާޅުވީ އެ އިރެއްގެ ސަރުކާރަކުން މަސައްކަތްކުރާނީ އެ ސަރުކާރެއްގެ ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.

އެގޮތުން ރައީސް މައުމޫންގެ ދައުރުގައި ގްރޭޓާ މާލެ ޕްލޭން ހެދިއިރުވެސް އެތަނަކީ ލައިޓް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި އޮތްތަނެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަން އެހެން އޮތީ ތިލަފުއްޓަކީ ކުނި އަންދާ ތަނަކަށް ވެފައި އެހާ ކައިރީގައި މީހުންނަށް އުޅެން އުނދަގޫވާނެތީ ކަމަށެވެ.

އެހެން އޮއްވާ ނަޝީދު ސަރުކާރުގައި އެ ޕޮލިސީ މި ބަދަލުކުރީ އެތަނަކި މީހުން އުޅޭ ތަނަކަށް. އެކަމަކު ވެސް ތިލަފުށީގައި ހަމަ ކުނި އަންދަނީ ބޭނުން ވަރަކަށް، ފުލް ސްކޭލްގައި. އެހެންނަމަވެސް ރައީސް ޔާމީން ސަރުކާރުގައި އޮރިޖިނަލް ގްރޭޓާ މާލެ ކޮންސެޕްޓަށް ބަދަލުކުރީ. އެއީ ތިލަފުށީގައި ކުނި އަންދާއިރު 500 މީޓަރު ވެސް ނެތް ދޭތެރެއެއްގައި މީހުންނަކަށް ނޫޅެވޭނެ.

މުއިއްޒު ވިދާޅުވީ އެ ސަރަހައްދަށް މިހާރު ބަލާލާނަމަ އެ ސަބަބު ނެތްކަން ހާމަވާނެ ކަމަށެވެ. އެގޮތުން ތިލަފުށީގައި މިހާރު ދުން ނާރާ ގޮތަށް ކުނި އެންދޭނެ ނިޒާމު ގާއިމްވެފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ އެއީ ބޮޑު ހަރަދެއްދާކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ މިނިސްޓަރުކަމުގައި އެކަން ނުވީ އެކަމަށް ބޭނުންވާ ފައިސާގެ އެހީ ލަހުން ހަމަޖެހުމުންކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މިހާރު ތިލަފުށިން ދުން އަރާ މައްސަލަ ހައްލުކުރެވިފައިވާއިރު، ޖެހިގެން އޮންނަ ގުޅީފަޅުގައި މީހުންނަށް ދިރިއުޅެވޭނެކަމަށާއި އޭރު ގެންގުޅުނު ތަސައްވުރުގެ ސަބަބުތައް މިހާރު ނެތްކަމަށް މޭޔަރު މުއިއްޒު އިންޓަވިއުގައި ވިދާޅުވިއެވެ. އަދި އެއީ މިހާރު އެމަނިކުފާނު އެ ތަސައްވުރާއި ދެކޮޅު ހައްދަވާ ސަބަބުކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މާލެއާ އެންމެ ކައިރި ފަޅެއްގެ ގޮތުގައި އޮތީ ގުޅީފަޅުވީމަ. ދެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސައްވުރެ ބޮޑު، އަދި ދެވަނަ ފިޔަވަހީގެ ވެސް އެއްބަޔަށްދާ ވަރަށް ގާތްގަނޑަކަށް 280 ހެކްޓަރުގެ ބިމެއް އުފެއްދެން އޮތްތަނެއް ވީމަ. އެ ބިމަކީ މާލޭގެ އަދި ހުރިހާ ރައްޔިތުންނަށްވެސް ހައުސިން ފޯރުކޮށްދޭ ތަނަކަށް ހެދިއްޔާއޭ އެންމެ ރަނގަޅުވާނީ. އެހެންވެ 2018 ގެ ޕޮލިސީ ބަދަލުކުރީ.

މުއިއްޒު ވިދާޅުވީ އެތަނަކީ އިންޑަސްޓްރިއަލް ތަނަކަށް ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތުމުން 2018 ވަނަ އަހަރު އެ ނިންމުން ބަދަލުކޮށްފައިވަނިކޮށް އެތަން އަނެއްކާ ޕޯޓަކަށް ހަދަން މި ސަރުކާރުން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ. އަދި އެއީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން ލިބޭނެ އެންމެ ބޮޑު ޖާގަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅީފަޅު މައްސަލާގައި އެތަނުގައި ޕޯޓެއް ގާއިމު ނުކުރުމަށް މޭޔަރު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭނާ ވަނީ އެކަމަށްޓަކައި ރައީސް އޮފީހަށްވެސް ތަކުރާރުކޮށް ސިޓީ ފޮނުވާފައެވެ. އެކަމަކު ޖަވާބު ލިބުނީ އެންމެ ސިޓީއަކަށް ކަމަށް ވިދާޅުވިއެވެ.

އެ މައްސަލައިގައި މޭޔަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވާފައެވެ. އަދި އެތަނުގައި ޕޯޓެއް ގާއިމްކުރުމުގެ ނިންމުން ބަދަލުނުކޮށްފިނަމަ ސަރުކާރު ގޮވައިގެން ކޯޓަށް ވަޑައިގަންނަވާނެކަމުގެ އިންޒާރުވެސް މޭޔަރު ދެއްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *