ނ. މާޅެންދޫގައި އެމްޑަބްލިއުއެސްސީން ކުރިޔަށް ގެންދާ ފެނާ ނަރުދަމާ މަޝްރޫއު. ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލެ ވޯޓާ އެންޑް ސިވަރޭޖް ކުންފުނި (އެމްޑަބްލިއުއެސްސީ) އިން ނ. މާޅެންދޫގައި ކުރިޔަށް ގެންދާ ސާފު ބޯފެން އަދި ރައްކާތެރި ނަރުދަމާ ނިޒާމެއް އެޅުމުގެ މަސައްކަތް ނިމުމުގެ މަލަމަތި ފެންނަން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ މާޅެންދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ 86 ޕަސަންޓު މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އެގޮތުން އެރަށުގައި ބަހައްޓާ ފެން ޕްލާންޓް ބަހައްޓަން އިމާރާތްކުރާ ފެސިލިޓީގެ މަސައްކަތުގެ އިތުރުން ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.

އަދި ފެންހޮޅި ނެޓްވޯކުގެ މައި ހޮޅިތައް ވަޅުމުގެ މަސައްކަތާއި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ އިތުރުން ފެން އުފައްދަން ބަހައްޓާ ދެ އާރުއޯ ޕްލާންޓުގެ މަސައްކަތުގެ ބޮޑު ބައިވެސް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ފެނުގެ ނިޒާމު ގާއިމުކުރަން އެމްޑަބްލިއުއެސްސީއިން 48 ހެކްޓަރު ބޮޑުމިނުގައި ހުންނަ މާޅެންދޫގައި 8.72 ކިލޯމީޓަރުގެ ހޮޅީގެ ނެޓްވޯކެއް ވަޅުލާނެއެވެ.

ގާތްގަނޑަކަށް 900 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ މާޅެންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމާއި ސީ އައުޓްފްލޯ ގާއިމުކުރުން އަދި ޕަމްޕިން ލައިން އެޅުމުގެ އިތުރުން ގޭގެޔަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. ބާކީ ނުނިމި ހުރީ ނަރުދަމާ ނިޒާމުގެ ޕަމްޕިން ސްޓޭޝަންތަކުގެ މަސައްކަތްކަމަށް އެކުންފުނިން ބުނެއެވެ.

މާޅެންދޫގައި އަޅާ އެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ޖަނަރޭޓަރު ސެޓަކާއި ވެހިކަލް އަދި ފެން ތަހުލީލުކުރަން ބޭނުންވާނޭ ސާމާނުވެސް އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. މުޅި އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 42 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *