ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދަން ޖައްސަން ޖެހޭ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ގޮވާލި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ޖަޒީރާ" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ފުލުހުން ބަލަމުން ދާ ކަމަށެވެ.
އެ މައްސަލައަކީ އެ ޕާޓީގެ ކައުންސިލް މެމްބަރުކަން ކުރައްވާ ޒާހިދު ރަމީޒު އިއްޔެ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ދެން އެންމެ ދެކެން ބޭނުންވަނީ ދެން އަންނަ ވެރިކަމެއްގައި މަރުގެ ހުކުން ތަންފީޒުކުރަން ފަށައި، ރައީސް ސޯލިހު ދަން ޖައްސާތަން ކަމަށެވެ. އަދި އެއީ ގައުމަށް ގައްދާރުވުމުން ދެވޭ އަދަބެއްގެ ގޮތުގައި އޭނާ ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ފާޑުކިޔަމުން އަންނައިރު، ޒާހިދު ވަނީ އޭނާގެ އެ އަމަލު ދިފާއުކުރަމުންނެވެ. އަދި އޭނާ އެހެން ބުނުމުގެ ކުރިން ވެސް މީހުން ދަން ޖައްސަން ގޮވާލާފައިވާކަން ފާހަގަކޮށް އެ މައްސަލަތައް ނުބަލަނީ ކީއްވެތޯ ވެސް ސުވާލުކޮށްފައިވެއެވެ.
އެ މައްސަލަ ފުލުހުން ބަލަން ފެށުމުންވެސް އޭނާ ވަނީ އެކަމަށް ގޮންޖަހައި އެއީ ކުޅޭ ކުޅޭ ވާހަކަތަކެއް ކަމަށް ބުނެ މަލާމާތުގެ ރާގަކަށް ސޯޝަލް މީޑިއާގައި ވާހަކަދައްކައިފައެވެ.
ޒާހިދު ވަނީ މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި އެކި މީހުންނަށް މަރުގެ އިންޒާރު ދީފައެވެ. އޭގެ ތެރޭގައި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދު ހިމެނޭއިރު، އެ މައްސަލާގައި އޭނާ މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުވެސް ވަނީ ކޮށްފައެވެ.
ޒާހިދުގެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ވަކި އެއްޗެއް އަދި ހާމަކޮށްފައިނުވާއިރު، އެ ޕާޓީން ބުނީ ދަންޖެއްސުމަށް ގޮވާލުންފަދަ ކަންކަމަކަކީ އެ ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެ ޕާޓީން އެކަމުގައި ރަސްމީކޮށް އެއްޗެކޭ ބުނާނީ ކަންވީ ގޮތް ބެލުމަށްފަހު ކަމަށް ޕީޕީއެމްއިން ބުނެއެވެ.