ކ. ގާފަރުގައި އާންމުންނަށް ފެން ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސްޓެލްކޯއިން އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން އާންމުންނަށް ފެން ދޫކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ގާފަރުގައި ބަހައްޓާފައިވާ ފެން ޕްލާންޓުން އާންމު ބޭނުމަށް އެރަށު ކޮންމެ ރައްޔިތަކަށް ދުވާލަކަށް 20 ލީޓަރުގެ ފެން ދޫކުރާނެކަމަށެވެ.
އެ ފެން ޕްލާންޓުން ގާފަރު ރައްޔިތުންނަށް ފެން ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލު ހާމަކުރަމުން އެ ކުންފުނިން ބުނީ އާންމު ބޭނުންތަކަށް ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށެވެ.
އެއީ މިވަގުތު ގާއިމްކޮށްފައިވާ ނިޒާމަކީ ގެތަކަށް ނެޓްވޯކް ނުވަތަ ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވާތީވެކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެ އުސޫލުގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ދޫކުރާނީ ދުވާލަކު 20 ލީޓަރުގެ ފެނެވެ. ފެން ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ކޮންމެ ދުވަހަކުވެސް 16:00 އިން 18:00 އަށެވެ.