ހއ. ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 11 މަގު ހިމެނޭހެން ހޯރަފުށީގެ ޖުމްލަ 5.3 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްގީކުރާނެ ކަމަށެވެ.
އެމްޓިސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް އެއްވަރުކޮށް ތާރުއަޅައި ތަރައްގީކުރާނެއިރު، 11،114 އަކަމީޓަރު ސަރަހައްދެއްގައި ދުވާރު ހަދާނެއެވެ.
އަދި ފެންހިންދާ ނިޒާމެއްވެސް އެރަށުގައި ގާއިމުކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ އިތުރުންވެސް މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 71.90 މިލިއަން ރުފިޔާގެ އަގެއްގައި މިދިޔަ އަހަރުގެ އޭޕްރިލް މަސް ތެރޭއެވެ. މަޝްރޫއު ނިންމާލުމަށް ހަމަޖެހިފައިވަނީ 470 ދުވަހުގެ މުއްދަތެއްގެ ތެރެއިންނެވެ.