ހަލީމަތު ލަމްހާ އަބްދުއްރަހްމާން

މިދިޔަ އޮކްޓޯބަރު 19 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ފިލިޕީންސްއަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް ޕިނެޑާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި، ޅ. ހިންވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާން (24) ގެ ބަންދަށް އިތުރު 10 ޖަހައިފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާ ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އޭރު މޭރީގެ ފިރިމީހާ އަދި ލަމްހާގެ ލޯބިވެރިޔާކަމަށް ތުހުމަތުވާ މާވިން އެސް.ވައި (29) ހުރީ އެ މައްސަލައިގައި ހައްޔަރުގައެވެ. އޭނާ ހައްޔަރުކުރީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

ފަހު ދެ ދައުވާއަކީ ލަމްހާ ދިރިއުޅޭ ގެއިން މަނާ ބޭސްތަކަކާއި އިންޖެކްޝަންތަކެއް ފެނުނު މައްސަލައެއްގައި ކުރާ ދައުވާތަކެކެވެ. އެ ތަކެތި ފެނިފައިވަނީ މޭރީގެ މަރާއި ގުޅިގެން ފުލުހުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

އެ ތިން ތިން ދައުވާ ސާބިތުވެއްޖެނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަސް އަދި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ ލޯބިވެރިޔާކަމަށް ތުހުމަތުވާ އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެމީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ދަންޖެހިގެން މަރުވީކަމަށް ބުނެ އޮކްޓޯބަރު 19 ވަނަ ދުވަހު މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މާވިންއެވެ.  މަރުގެ ސަބަބެއްކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ފުލުހުން ބުނީ މެރީ މަރުވެފައިވަނީ "ބްލަންޓް ފޯސް ޓްރޯމާ" އެއްގެ ސަބަބުންކަމަށެވެ. އެއީ ހަރު އެއްޗަކުން ޖެހުމުން ލިބޭ އަނިޔާ އެވެ.

3
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.