އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން ސްކޫލްތަކުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންނަށް ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި އަދި އެޓީޗަރުން ރައްކާތެރިކަމަށް އެދެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ށ. ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައި ހުރި މައްސަލައަކާއި އިންޑިއާއަށް ނިސްބަތްވާ ޓީޗަރުންނަށް ފުރައްސާރަކުރަމުންދާ މައްސަލަތަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

މިނިސްޓްރީން އެ ބަޔާނުގައި ބުނީ ރާއްޖޭގެ ސްކޫލް މަދުރަސާތަކަކީ ގިނަ އަދަދަކަށް އިންޑިއާ ޓީޗަރުން ވަޒީފާ އަދާކުރާ ތަންތަނަށްވާއިރު ސްކޫލް ސަރަހައްދުތަކުގައި އެގޮތަށް 'އިންޑިއާ އައުޓް" ހަރަކާތް ހިންގުމާއި އެ ހަރަކާތާއި ގުޅޭ ގޮވުމާއި، ބެނާތައް ހަރުކުރުން އަދި ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

އަދި އެ ސަބަބަށްޓަކައި އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓީޗަރުން ސްކޫލްތަކުގައި އެދެމުންދާ ކަމަށްވެސް މިނިސްޓްރީން އެ ބަޔާނުގައި ބުނެއެވެ. މިނިސްޓްރީން އިތުރަށް ބުނީ ކިޔަވައިދިނުމަށް ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންނަކީ އެ މަގާމުތަކަށް ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައިދޭން ގެންނަ ފަރާތްތެއްކަމަށެވެ.

އަދި އެކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން އެ ފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. އަދި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުންވެސް މިނިސްޓްރީން އެ ބަޔާނުގައި ބުނީ ސިޔާސީ މަންފާއަށް ހިންގާ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށާއި އުންނައިދިނުމަށްވެސް ނުރަނގަޅު އަސަރު ފޯރާކަމަށެވެ. އެ ސަބަބުތަކަށްޓަކައި މިނިސްޓްރީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި އެފަދަ ކަންކަމުގައި ބައިވެރިވެ ހިއްވަރުދޭ ފަރާތްތަކުގެ އަމަލުތައް އެ ބަޔާނުގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ހާއްސަ އިސްކަމެއްދޭނެކަމުގެ ޔަގީންކަންވެސް އެ ބަޔާން މެދުވެރިކޮށް ދީފައެވެ.

ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައި ސްޕްރޭކޮށްފައިވާ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅިގެން އިދިކޮޅަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ދައުލަތުގެ ވަޒީރުންނާއި، ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ އިތުރުން މަޖިލިސް މެމްބަރުންވެސް އެކަމާއި ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިނިސްތްރީން ފާހަގަކުރި ގޮތަށް ރާއްޖޭގެ ސްކޫލުތަކުގެ ބައެއް މާއްދާތައް ކިޔަވައިދިނުމަށް ގިނަ އަދަދެއްގެ ބޭރު ޓީޗަރުން މަސައްކަތްކުރެއެވެ. އަދި އެ ޓީޗަރުންގެ ތެރޭގައި ގިނަ އަދަދެއްގެ އިންޑިއާއަށް ނިސްބަތްވާ ޓީޗަރުން ހިމެނެއެވެ. ބައެއް ޓީޗަރުންނަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ކިޔަވައިދެމުން އަންނަ ޓީޗަރުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.