އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގައި ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ބުނާ މައްސަލައެއް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން އަނެއްކާވެސް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނި ވަކީލު އަބްދުﷲ ރާގިބު ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭ އެ މައްސަލަ މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ފުލުހުންނަށާއި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން މީގެކުރިންވެސް 2018 ވަނަ އަހަރުގެ އިންތިހާބު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އޭރު ސުޕްރީމް ކޯޓުން ނިންމީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް މިއަދު ރާގިބު ވިދާޅުވީ އެ މައްސަލަ އަލުން ހުށަހަޅަން ނިންމީ ސާބިތު ކުރެވޭ ވަރަށް ޝަފަވީ ހެއްކާއި ކިތާބީ ހެއްކާއި އެކުގައިކަމަށެވެ.
މި މައްސަލައިގައި ފާހަގަކުރެވޭ އުފައްދާފައިވާ އަނގޮޓިއާއި، އޭގެއިން ގަލަމެއްގެ ތުނޑު ބޭނުންކޮށްގެން ވޯޓު ކަރުދާސްތަކުގައި އިތުރު ރޮނގުތަކެއް އަޅާ ކޮށްފައި ހުރި ކަންތައްތައް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވޭ. އަޅުގަނޑުމެން ހުށަހެޅީ ޖިނާއީ ކުށްތަކެއް ހިމެނޭ މައްސަލަތަކެއް... ފޭކު ވޯޓު ކަރުދާސްތަކެއް ހަދައިގެން ބޭނުން ކުރިކަން އަޅުގަނޑުމެންނަށް ސާބިތުކުރެވޭ
ރާގިބު ވިދާޅުވީ އެ ޓީމުން ކުރި ދިރާސާއިން ފޭކު ވޯޓު ކަރުދާސް ބެހުމުގެ އިތުރުން ރިޝްވަތު ހިފުމާއި ދިނުމުގެ ކުށް ކޮށްފައިވާ ކަން ވެސް ހާމަވާ ކަމަށެވެ.
އިންތިހާބާ ބެހޭ އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2018 ވަނަ އަހަރު އިއްވި ހުކުމުގައި ބުނީ، އިންތިހާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން އެކަށީގެންވާ ގާނޫނީ އަސާސްތަކެއް އަދި ގަރީނާއެއްވެސް ދެއްކިފައި ނުވާ ކަމަށެވެ.
އޮޅުވާލިކަމަށް އިދިކޮޅުން ތުހުމަތުކުރާ އެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 41.60 އިންސައްތަ ވޯޓެވެ. މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު އިންތިހާބަށް ކުރިމަތިލި ކޯލިޝަނަށް 134،705 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 58.40 އިންސައްތަ ވޯޓެވެ.