ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައިވެއެވެ.
މި މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި، 50 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވެނެއެވެ. އަދި 105 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 9 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ އިތުރުން 2 މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ވެސް ހަދާނެއެވެ.
މީގެއިތުރުން، 61.703,1 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 2.33 މިލިއަން ރުފިޔާ އަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.