އުނގޫފާރު ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ރަސްމީކުރުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިއަދު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ޒިޔާރަތްކުރައްވައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ފަށައި ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހުއެވެ. އޭރުއްސުރެ 2021 ވަނަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުން 45 ސީޓީ ސްކޭން ހަދާފައިވެއެވެ. އަދި މިހާތަނަށް އެ ހޮސްޕިޓަލުން ވަނީ ތިން މެމޮގްރަފީ އަދި 95 އޯޕީޖީގެ ޚިދުމަތް ދީފައިވެއެވެ.

މިއަދު ހެނދުނު އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޚިދުމަތްތައް ރަސްމީކޮށްދެއްވާ ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ހާއްސަކޮށް ސިއްހީ ޚިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމަށެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ރަސްމީކުރުން ؛ ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކޮށް ޚިދުމަތްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކަންކަން ކޮށްގެން ވަކި ދިމާއަކަށް ރައްޔިތުން ގެންދިއުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެ، އޭގެ ބަދަލުގައި މި ސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރަނީ އެބަޔަކު ދިރިއުޅޭ އަތޮޅުގައި ނުވަތަ ރަށެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތްތައް ލާމަޒުކަޒުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސީޓީ ސްކޭންގެ ޚިދުމަތަށް ބަލާލިނަމަވެސް ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި މާލެ ފިޔަވައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 3000 ވަރަކަށް މީހުންނަށް މި ޚިދުމަތް ލިބިދީފައިވާ ކަމަށެވެ. އަދި މި ޚިދުމަތްތަކަކީ މީގެ ކުރިން ބޮޑު ޚަރަދުކޮށްފައި މާލެ އައިސްގެން ނޫނީ ނުލިބޭ ޚިދުމަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި އެ ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.