ށ.ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައި ހުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައި ސްޕްރޭކޮށްފައިވާ މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މިމައްސަލައާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވާތީ އިދިކޮޅަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ދައުލަތުގެ ވަޒީރުންނާއި، ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ އިތުރުން މަޖިލިސް މެމްބަރުންވެސް މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުނަދޫ ދަރިވަރުންނަށް ކިޔަވައިދޭ 40 އަށްވުރެ ގިނަ އިންޑިއާ ޓީޗަރުންތިބޭއިރު، ސްކޫލް ފާރުގައި”އިންޑިއާ ރައްޔިތުންނަށް ނޫނެކޭ “ ބުނުމަށް ގޮވާލާ ލިޔުމުގެ ސަބަބުން ޓީޗަރުން ތިބީ ބޮޑުކަންބޮޑުވުމެއްތެރޭގައިކަމަށެވެ. ސިޔާސީ ބޭނުމެއްގައި ކުރާ މިފަދަ ޒިންމާދާރުކަމެއްނެތް އަމަލުތައް ހުއްޓާލަންޖެހޭކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ށ.ފުނަދޫ ދަރިވަރުންނަށް ކިޔަވައިދޭ 40 އަށްވުރެ ގިނަ އިންޑިއާ ޓީޗަރުންތިބޭއިރު، ސްކޫލް ފާރުގައި”އިންޑިއާ ރައްޔިތުންނަށް ނޫނެކޭ “ ބުނުމަށް ގޮވާލާ ލިޔުމުގެ ސަބަބުން ޓީޗަރުން ތިބީ ބޮޑުކަންބޮޑުވުމެއްތެރޭގައި. ސިޔާސީ ބޭނުމެއްގަ މިފަދަ ޒިންމާދާރުކަމެއްނެތް އަމަލުތައް ހުއްޓާލަންޖެހޭ. pic.twitter.com/esUEZWqBkI
— Ahmed Mahloof (@AhmedMahloof) January 16, 2022
އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަން ފާހަގަކޮށްލެވެއެވެ.