އދ. މަންދޫ ކައިރިއަށް އިއްޔެ ޑައިވިންއަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ،  އދ. މަންދޫ ކައިރިން އޮންނަ ފަރަކަށް އިއްޔެ 14:30 ހާއިރު ޑައިވިންއަށް ދިޔަ ފަތުރުވެރިއެކެވެ. އޭނަ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމީހާއާއެކު އިތުރު ޑައިވަރުންވެސް އެ ފަރަށް ޑައިވްކުރަން ފޭބިކަމަށް ސިފައިން ބުނެއެވެ. ނަމަވެސް ގެއްލުނީ އެމީހާ އެކަނިކަމަށް ސިފައިން ބުނެއެވެ. އެގަޑީގައި އޮއެވަރު ހުރީ ހުޅަނގު އުތުރަށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ދެ ކޯސްޓްގާޑެއް ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށެވެ. ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން، ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. 

މިމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާކަމަށާއި، މިއަދު ވައިގެ މަގުންވެސް ސާރޗްކުރިއަށް ދާނެކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން އުޅެނީ 69 އަހަރުގެ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްކަމަށެވެ.

ޑައިވިންއަށް ދާއިރު އާންމު އުސޫލަކީ ޕެއާކޮށް ނުވަތަ ދެމީހަކު އެކުގައި ޑައިވް ކުރުމެވެ. އެއީ ސަލާމަތީ ގޮތުންވެސް ޑައިވް ކުރާއިރު އަޅާ ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.