ޅ. އޭއީސީން ސްކޫލުން ޕްރިންސިޕަލް ފަރުހަތު ބަދަލު ކުރީ އޭނާ އެދިގެން!

ސްކޫލުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއިރު ދިޔައިރު، ޅ. ހިންނަވަރުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ބޭރުން ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ. ސްކޫލުގެ ހިންގުމާމެދު ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކެއް ފާޅުކޮށް ޕޯސްޓަރުތަކަކާއެކު އެއްވެތިބީ ސްކޫލު ދޮރުމައްޗަށް ހިމޭން އިހުތިޖާޖެއްގައެވެ. މިކަން ހިނގާދިޔަ ގޮތަށް ބަލާލިއިރު، މައްސަލައިގެ ފެށުން އޮތީ އެ ސްކޫލުގެ ދާއިމީ ޕްރިންސިޕަލް ޕޭއި ލީވްއެއްގައި ކޯހެއް ހަދަން އިނގިރޭސިވިލާތަށް ވަޑައިގެންނެވި ހިސާބުންނެވެ.

ޕޭއި ލީވެއްގައި ޕްރިންސިޕަލަކު ފޮނުވާއިރު، އެ މަގާމު ދާއިމީ ގޮތެއްގައި އެހެން މީހަކަށް ދެވެން ނޯންނާތީވެ އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީން މީހަކު އައްޔަން ކުރާނަމަ ކުރަން ޖެހެނީ ވަގުތީގޮތުންނެވެ. އެގޮތުގެ މަތިން ޅ.އޭއީސީއަށް ވަގުތީ ޕްރިންސިޕަލެއްގެ ގޮތުގައި އައްޔަން ކުރީ އައިޝަތު ފަރުހަތެވެ.

ނަމަވެސް ފަރުހަތު ޅ.އޭއީސީގެ ވަގުތީ ޕްރިންސިޕަލްކަމުގައި ހުންނަވަނިކޮށް މިދިޔަ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ ކުރެންދޫގައި ހުންނަ ޅ.އަތޮޅު މަދަރުސާއަށް ބަދަލުކޮށްފައެވެ. މިގޮތަށް ނިންމުމުން، ބެލެނިވެރިން ވަނީ އެ ނިންމުން ބަދަލުކޮށް، 2021 - 2022 ދިރާސީ އަހަރު ނިމެންދެން ޅ.އޭއީސީގެ ވަގުތީ ޕްރިންސިޕަލްކަމުގެ މަގާމަށް ފަރުހަތު އަލުން ގެނައުމަށް ގޮވާލާ 168 ބެލެނިވެރިންގެ ސޮއާއެކު ޕެޓިޝަނެއް ހުށަހަޅާފައެވެ.

ބެލެނިވެރިންގެ ޕެޓިޝަނާއެކު ފަރުހަތު އެކަމަށް އެއްބަސްވުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އަހަރު ނިމެންދެން ފަރުހަތު ޅ.އޭއީސީގެ ވަގުތީ ޕްރިންސިޕަލްކަމުގެ މަގާމުގައި ބަހައްޓަން ނިންމާ، މިމަހު އަށްވަނަ ދުވަހު އޭނާއަށް އެކަން އަންގާފައެވެ. ހަމައެއާއެކު އެކަން އަންގާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމަހު ނުވަ ވަނަ ދުވަހު ޅ.އޭއީސީއަށް ވެސް ސިޓީއެއް ފޮނުވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޅ.އޭއީސީއަށް ފޮނުވި ސިޓީގައި ބުނީ ވަގުތީގޮތުން ފަރުހަތު އެ ސްކޫލަށް ބަދަލުކުރި ނަމަވެސް އޭނާ ޝައުގުވެރިވާ އެހެން ސްކޫލެއްގެ ވަޒީފާ ހުސްވެއްޖެ ހާލަތެއްގައި، ފަރުހަތު ބަދަލުވާން ބޭނުންވެ، މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ. މިނިސްޓްރީން މިފަދައިން އަންގާފައި ވަނިކޮށް ފަރުހަތު ވަނީ ޅަވިޔަނި އަތޮޅު ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހަށް އޭނާގެ ވަޒީފާ ދާއިމީކޮށްދިނުން އެދި މިނިސްޓްރީއަށް ސިޓީ ހުށަހަޅާފައެވެ.

ފަރުހަތުގެ އެދުމާއެކު އެޑިއުކޭޝަން މިނިސްޓްރީން އޭނާގެ ވަޒީފާ ނައިފަރަށް ބަދަލުކޮށްދީފައި ވަނީ އިއްޔެއެވެ.

މިކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުން އުފެދިފައި ވަނީ ޅ. އޭއީސީގެ ދާއިމީ ޕްރިންސިޕަލް ޕޭ ލީވްއެއްގައި ރާއްޖެއިން ބޭރުގައި ހުންނަވާ ދުވަސްވަރު، އެ ސްކޫލުގައި ވަގުތީ ޕްރިންސިޕަލެއް ނެތުމެވެ. ދާއިމި ޕްރިންސިޕަލް އަނބުރާ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިއަހަރު ޖޫން މަހު ފެށޭ ދިރާސީ އާ އަހަރަށެވެ. ޖޫން މަސް ޖެހެންދެން އެ ސްކޫލުގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ ސްކޫލުގެ ލީޑިން ޓީޗަރަކާއެވެ.

ޅ. އޭއީސީގެ ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ އެ ސްކޫލު ހިންގުމާ ހަވާލުވެ ތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލީ ބޭފުޅުން ކަމަށް ވާތީއެވެ. އެގޮތުން ޕޭ ލީވެއްގައި ބޭރުގައި ހުންނެވި ދާއިމީ ޕްރިންސިޕަލަކީ ރައީސް ސޯލިހްގެ ކޮއްކޮއަކަށް ވެފައި، އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ އިތުރުން މިހާރު ވަގުތީގޮތުން ސްކޫލާ ހަވާލުވެ ހުންނެވީ ވެސް ރައީސް ސޯލިހްގެ ތިމާގެ މީހަކަށް ވާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޅ. އޭއީސީގެ ބެލެނިވެރިން އިހުތިޖާޖު ކުރަނީ

މިއަދު ހެނދުނު ސްކޫލު ކައިރިއަށް އެއްވެ ބެލެނިވެރިން ކުރި ހިމޭން އިހުތިޖާޖުގައި ވެސް ބެލެނިވެރިން ވަނީ "ޒީރޯ ޓޮލެރެންސް"ގެ ދަށުން ސްކޫލު ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ގޮވާލާފައެވެ. އަދި ސްކޫލުގެ އޮޑިޓެއް ކުރުމަށް ވެސް ގޮވާލާފައެވެ.

ބެލެނިވެރިންގެ މި އިހުތިޖާޖާ ބެހޭގޮތުން އެޑިއުކޭޝަނުން ބުނީ ޅަވިޔަނި އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން އިހުތިޖާޖުކޮށްފައިވާ ކަމުގެ މައުލޫމާތެއް މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ނޫސްތަކުން ހަބަރަކާއި ފޮޓޯ ހުރުމުން ސްކޫލަށް ގުޅައިގެން މައުލޫމާތު ހޯދި ކަމަށާއި، ބެލެނިވެރިން އިހުތިޖާޖުކޮށް، ކަންބޮޑުވުންތައް ސްކޫލާ ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޫލުން ވެސް ވިދާޅުވަނީ ބެލެނިވެރިން އިހުތިޖާޖެއް ނުކުރޭ، ބަޔަކު އައިސްސަ ސްކޫލާ ކައިރި އެތަ ފަސްގަނޑެއް ކައިރީގައި ފޮޓޯއެެއް ނަގާފަ ދިޔައީއޭ، އަނެއްހެން އިހުތިޖާޖެއްކޮށް، ބެލެނިވެރިންގެ އެއްވެސް ކޮންސާންއެއް އޮވެގެން ސްކޫލުގެ ބަޔަކާ ބައްދަލުކޮށްފައެއް ވެސް ނެތް"

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހްމަދު އަލީ

ހަމައެއާއެކު ސްކޫލުގެ ކިޔެވުން ފެށެން އެއްދުވަހަށް ވީތަނާ ސްކޫލުގެ ވަގުތީ ޕްރިންސިޕަލް އެހެން ސްކޫލަކަށް ބަދަލުކުރުމުން އެ ސްކޫލާމެދު އެޑިއުކޭޝަނުން އިހުމާލުވެފައިވާ ކަމަށް ބެލެނިވެރިން ބުނެއެވެ. އަދި އެޑިއުކޭޝަނުން އަމަލުކޮށްފައި ވަނީ ބެލެނިވެރިންގެ އިތުބާރު ގެއްލޭގޮތަށް ކަމަށް ވެސް ބެލެނިވެރިން ބުނެއެވެ.

މީގެ އިތުރުން، އެ ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލަކު އައްޔަން ކުރާ ވަރަށް ދަރިވަރުން ހަމަވީ ވަރަށް ފަހުން ކަމަށްވާތީ، ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

1
0
0
0
0

ކޮމެންޓް

Your email address will not be published.

0 %