ބ އަތޮޅުގައި މިހާރު ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި، ފިނޮޅުތަކާއި، ފަޅުރަށްތަކުގައި ރިސޯޓް ނުހެދުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފިއެވެ.
ބ. އަތޮޅު ކައުންސިލުން ފާސްކޮށް، އާންމުކޮށްފައިވާ މިގަރާރުގައި ބުނެފައިވަނީ، އަތޮޅުގައި މިހާރު ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތަކުގެ ޙާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތުން ގިނަ ކަންތައްތަކެއް ފާހަގަކުރެއްވިފައިވާކަމަށެވެ.
އަތޮޅު ކައުންސިލުން ފާހަގަކޮށްފައިވާ ކަންކަން:
- ވަރުވާއަށް ދޫކުރެވިފައިވާ ބައެއް ރަށްރަށް ކުނި އަޅައި ފުރާލާފައިވާކަން.
- ހުއްދަ ނުނަގައި ބައެއް ރިސޯޓްތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުންދާކަން
- ރިސޯޓް ހަދަން ދޫކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން.
- ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުކުރާކަން.
ބ އަތޮޅު ކައުންސިލްގެ ގަރާރުގައި ވަނީ، މިކަންކަމަށް ބަލައި، އެއަތޮޅުގައި އެއްވެސް ރިސޯޓެއް އިތުރަށް ނުހެދުމަށާއި އިތުރަށް އެއްވެސް ރިސޯޓެއް ހަދާނަމަ ހަދަން ހުޅުވާލަންވާނީ ބ. އަތޮޅު ކައުންސިލްގެ އިޒުނަ ހޯދުމަށް ގޮވާލާފައެވެ.
މީގެއިތުރުން މިހާރު ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް، އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލުކޮށްދިނުމަށާއި އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް މޮނިޓަރކުރެވޭނެ ދައުރެއް އަތޮޅު ކައުންސިލަށް ހަވާލުކުރުމަށްވެސް ގޮވާލާފައިވެއެވެ.
ގަރާރުގައިވަނީ، އަތޮޅު ރަށްރަށުގެ އިޚްތިޞާޞްގެ ތެރެއަށް ނުވަދެހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތައް ބެލެހެއްޓުން ބ. އަތޮޅު ކައުންސިލާ ޙަވާލުކުރުމަށާއި ޤަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާއިމެދު ފިޔަވަޅުއެޅުމަށާއި އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ކައުންސިލްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
މިގަރާރުގައި އެއަތޮޅުގެ ގިނަ ރަށްތަކެއްގެ ކައުންސިލުގެ ރައީސުން ވަނީ ސޮއިކުރައްވާފައެވެ.