ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަވީރު 16:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފައިވުމާއެކު، މަގުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ދަނެގަނެ، ފިޔަވަޅު ތަންފީޒްކުރުމަށް ފުލުހުން ހަރަކާތްތެރިވުން -- ފައިލް ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 954 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރޭ ވަރަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޖުމްލަ 954 މީހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 514 މީހަކާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 326 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 36 މީހަކާއި ކަނޑުމަތީގެ އުޅަނދުތަކުން ޕޮޒިޓިވްވި ހަ މީހެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު ޕޮޒިޓިވްވީ ކޮންތަނަކުންކަން ޔަގީން ނުކުރެވޭ 72 މީހަކުވެސް މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެއެވެ.

ޖުމްލަ 954 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ޓެސްޓުކުރި 7،273 ސާމްޕަލްގެ ތެރެއިންނެވެ. އޭގެ ތެރެއިން 3،601 ސާމްޕަލްއަކީ މާލެ ސަރަހައްދުން ޓެސްޓުކުރި ސާމްޕަލްތަކެވެ. އެހެންކަމުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި މިވަނީ ޓެސްޓުކުރި ސާމްޕަލްތަކުގެ 14 ޕަސަންޓް މީހުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 23 މީހަކަށެވެ. އޭގެ އިތުރަށް ޕޮޒިޓިވްވެ، ހޯމް އައިސޮލޭޝަނުގައި މިވަގުތު 4،877 މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން މާލެއިން ރަށްރަށަށް ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދަން ޖެހެއެވެ. ހަމައެއާއެކު، މާލެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން އެއްވާނެހެން ހަފްލާތަކާއި ހަރަކާތްތައް ނުބާއްވަން ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން މިދަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންގެ ސަބަބުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެ ދަތުރުކުރި 19 ފަތުރުވެރިއަކާއި އަށް ދިވެއްސަކަށް އޮމިކްރޯން ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް އޮމިކްރޯންގެ ބިރު ބޮޑެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *