ރައީސް ޔާމީން ފޯކައިދުއަށް ވަޑައިގެންނެވުން

ޕީޕީއެމްގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ށ. ފޯކައިދުއަށާއި އެދާއިރާގައި ދެން ހިމެނޭ މަރޮށްޓަށް މިއަދު ވަޑައިގެންފިއެވެ.

އެދަތުރުފުޅުގައި ޔާމީން މިވަގުތު ހުންނެވީ ފޯކައިދޫގައެވެ. އަދި މިއަދުގެ މެންދުރު ވަގުތެއްގައި އެމަނިކުފާނު ވަނީ މަރޮއްޓަށް ވަޑައިގެންފައެވެ.

މިއަދު ހަވީރު ޔާމީން ފޯކައިދުއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެރަށު ބަނދަރުމައްޗަށް ގިނަ އަދަދެއްގެ ޕީޕީއެމް ސަޕޯޓަރުންތަކެއް ވަނީ އެއްވެފައެވެ. އަދި އެމަނިކުފާނަށް ވަނީ ފިޔާތޮށި ކުލައިގެ ދޫލައަކުން މަރުހަބާ ކިޔާފައެވެ.

އެމަނިކުފާނު މިއަދު މަރޮށްޓަށް ވަޑައިގެންނެވުމުން އެރަށުންވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ދާއިރާގެ ތިން ރަށަށް މިހާރު ޒިޔާރަތްކުރައްވާފައިވާ ޔާމީން ދެން ވަޑައިގަންނަވާނީ މާލެއަށެވެ.

އެމަނިކުފާނުގެ ދަތުރުފުޅު ފެއްޓެވީ އެދާއިރާގެ އެންމެ ބޮޑު ރަށްކަމުގައިވާ ކޮމަންޑުއިންނެވެ. އެރަށަށް ވަޑައިގެން އެރަށުގައި އޮތް ޖަލްސާއެއްގައި ޔާމީން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ކައިރިން ދެކުނަށް އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ޔާމީންގެ ޕީޕީއެމްގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން އަދި އެ ދާއިރާއަށް ދެން ވާދަކުރަ އެމްއެންޕީންވެސް ދަނީ ބައި-އިލެކްޝަނަށް ވަރުގަދަޔަށް ކެމްޕޭން ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ. އެ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. އެ ބައި-އިލެކްޝަނުގައި ހަ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެ ދާއިރާއަށް ތިން ޕާޓީއަކުން ވާދަކުރާއިރު، ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ށ. ފޯކައިދޫގެ ކައުންސިލްގެ ރައީސްކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި މުހައްމަދު ރާޝިދެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނީ ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ. އަދި އިދިކޮޅު ކޯލިޝަނުންގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރައްވަނީ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.