އެންމެ ހަފްތާއެއް ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެގުނަ އިތުރުވިއިރު، މާލޭގެ އަދަދުތައް ގާތްގަނޑަކަށް ތިންގުނަ އިތުރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ ހަފްތާތެރޭ (ޖެނުއަރީ 7-13) އާ ހަމަޔަށް އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 3،401 ކޮވިޑް ކޭސް ފެނިފައި ވެއެވެ. އޭގެ ކުރީ ހަފްތާ (ޑިސެމްބަރު 31 - ޖެނުއަރީ 6) ގައި ފެނިފައި ވަނީ 1،501 ކޭސްއެވެ.

އެއް ހަފްތާ ތެރޭ މުޅި ރާއްޖެއިން ޕޮޒިޓިވްވި އަދަދުތައް ދެގުނަ ވެގެން ދިޔައިރު، އެ ހަފްތާގައި މާލެ ސަރަހައްދުން ފެނުނު ކޭސްތައް ތިންގުނަ އިތުރުވެގެން ދިޔަކަން ފާހަގަކުރެވެއެވެ. ނިމުނު ހަފްތާގައި މާލެ ސަރަހައްދުން 1،425 ކޭސް ފެނުނުއިރު، އޭގެ ކުރީ ހަފްތާގައި ފެނުނީ 532 ކޭސްއެވެ.

މިއަހަރުގެ ފުރަތަމަ ހަފްތާގައި މުޅި ރާއްޖެއިން 17،587 މީހުން ޓެސްޓުކުރިއިރު އޭގެ ތެރެއިން 8،568 މީހުންނަކީ މާލެއިން ޓެސްޓު ކުރި މީހުންނެވެ. އަދި ދެވަނަ ހަފްތާގައި 34،225 މީހުން ޓެސްޓުކުރިއިރު އޭގެ ތެރެއިން 15،419 މީހުންނަކީ މާލެއިން ޓެސްޓު ކުރި މީހުންނެވެ.

ފުރަތަމަ ހަފްތާގައި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ ޓެސްޓުކުރި މީހުންގެ 5.4 ޕަސަންޓް މީހުންނެވެ. ދެވަނަ ހަފްތާގައި އެ އަދަދު ވަނީ 9.9 ޕަސަންޓަށް އުފުލިފައެވެ. ފުރަތަމަ ހަފްތާގައި މާލެއިން ޓެސްޓުކުރި މީހުންގެ 6.2 ޕަސަންޓް މީހުން ޕޮޒިޓިވްވިއިރު ދެވަނަ ހަފްތާގައި އެ އަދަދު 9.2 ޕަސަންޓަށް އިތުރުވިއެވެ.

ކޮވިޑަށް މިވަގުތު ފަރުވާކުރަމުންދާ މީހުންގެ އަދަދު ނުވަތަ އެކްޓިވް 5،118 ކޭސް މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 25 މީހަކަށް ފަރުވާ ދެމުންދާއިރު، ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 264 އަށް އަރާފައެވެ. ނަމަވެސް މިދިޔަ ހަފްތާ ތެރޭގައި ކޮވިޑުގައި މީހަކު މަރުވެފައެއް ނުވެއެވެ.

ކޮވިޑުގެ އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ 2020 އަހަރުގެ މާޗު މަސްތެރޭގައެވެ. އޭގެ ފަހުން މިހާރު ޖުމްލަ 100،451 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 95،056 މީހަކު ކޮވިޑުން ރަނގަޅުވިއިރު، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް އެހެން ސަބަބުތަކާ ހެދިވެސް 13 މީހަކު ވަނީ މަރުވެފައެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން މިދަނީ ކޮވިޑް-19ގެ އާ ވެރިއަންޓް އޮމިކްރޯންގެ ސަބަބުން ކަމަށް ބެލެވެއެވެ. އޮމިކްރޯންއާއެކު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޭސްތައް އިތުރުވަމުން ދާއިރު، އެ ގައުމުތަކުން ވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން އޮމިކްރޯންއިން ރައްކާތެރިވުމަށް ރާއްޖެއިން ވެސް ވަނީ ބައެއް ގައުމުތަކުން ރާއްޖެ ދަތުރުކުރާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ހަމައެއާއެކު ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރު ކުރުމުގައި ވެސް ފަސޭހައިން ބަލި ނުފެތުރޭނެހެން ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަލާލާއިރު، މާލެއިން ރަށްރަށަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދިއުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީނު ކުރުމުގެ އިތުރުން މާލެ ސަރަހައްދުގައި 50 މީހުންނަށްވުރެ ގިނައިން މީހުން އެއްވެ ބާއްވާ ހަރަކާތްތައް މެދުކަނޑާލުން ހިމެނެއެވެ. ހަމައެއާއެކު މީހުން ވައްދައިގެން ކުޅިވަރު ހަރަކާތްތައް ބޭއްވުން މެދުކަނޑާލުމުގެ އިތުރުން މާސްކު އެޅުން މަޖުބޫރުކޮށްފައިވާ ކުރުން، ތަންފީޒުކުރުން ހަރުދަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އޮމިކްރޯންއިން ރައްކާތެރިވުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ސަރުކަރުން ވަނީ އިއުލާންކޮށްފައެވެ. ބޫސްޓާ ޑޯސް ޖަހަން ހުޅުވާލަނީ ކޮވިޑަށް ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު ހަ މަސް ފުރިހަމަވެފައިވާ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *