ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް -- ފޮޓޯ: އަވަސް

އެމްއެމްޕީއާރްސީ މައްސަލާގައި، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގެ ތެރޭގައި ފަށަން ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިނިސްޓަރު މަހްލޫފްގެ ޝަރީއަތުގެ އަޑުއެހުން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ފަށަން ތާވަލްކޮށްފައިވާކަމަށެވެ.  މަހުލޫފުގެ މައްޗަށް ކޮށްފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މިނިސްޓަރު މަހުލޫފަށް ދަޢުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން ތެއްތިރީސްހާސް އެމެރިކާ ޑޮލަރު، މަހުލޫފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީކަމަށެވެ.

ޕީޖީ އޮފީހުން މިނިސްޓަރު މަހުލޫފަށް ދައުވާކުރުމާއެކު، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާއި، މިނިސްޓަރުގެ ޕީއޭ އަޒުމޫން އަހުމަދާ ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކެއް ހާމަކުރައްވާ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ، ދައުވާކުރަން ނިންމުމަކީ ކަނޑައެޅިގެން ޕީޖީ ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން ޗެޓްލޮގުންވެސް އެކަނި ހާމަވާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ، ދައުވާކުރިޔަސް އިސްތިއުފާ ނުދެއްވާނެކަމަށާއި، ކޯޓުގައި ހަގީގަތް ސާފުވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.