ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނޭހެން ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޮޑު ޓީމެއް އެ ދާއިރާގެ ރަށްތަކަށް ފުރައިފިއެވެ.

އެޓީމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ޑިފެންސް މިނިސްޓާރު މާރިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހިމެނިވަޑައިގަންނަވައެވެ.

އެޓީމު ކޮމަންޑޫ ދާއިރާގެ ތިން ރަށްކަމުގައިވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮއްޓަށް ފުރާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ އެދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށެވެ.

ޓީމުގައި ހިމެނޭ ހުރިހާ ބޭފުޅުންނަކީވެސް ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ހުސެއިން ވަހީދުގެ ގާތް އެކުވެރިންނެވެ. ކެޔޮދޫ ދާއިރާގެ މެމްބަރު ގާސިމާއި ފޮރިން މިނިސްޓަރު ޝާހިދަކީ ހުސެއިން ވަހީދުގެ އެންމެ ދުވަސްވީ ގާތް އެކުވެރިންނެވެ. އެތިން ބޭފުޅުންވެސް ވަނީ އެކުގައި ހާރިޖީ ދާއިރާއަށް ހިދުމަތްކުރައްވާފައެވެ.

ކޮމަންޑޫއަށް އެމްޑީޕީގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ ޓީމެއް ވަޑައިގެންނެވިއިރު، ރާޝިދުގެ ކެމްޕެއިން ފައްޓަވާދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި ރައިސުލްޖުމްހޫރިއްޔާއާއިއެކު، އެމްޑީޕީގެ ވަޒީރުން ވެސް އެރަށަށް ވަޑައިގެން ކެމްޕެއިންގައި ބައިވެރިވެވަޑައިގަތެވެ.

އިންތިހާބުގެ ކެމްޕޭން ފޯރިގަދަކަމާއި އެކު ކުރިއަށްދާއިރު، އެމްޑީޕީގެ އިތުރުން އެމްއެންޕީއާއި ޕީޕީއެމުން އެ ގޮނޑިއަށް ވާދަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *