ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 600 އާ ގާތް ކުރާ އަދަދަކަށް ރާއްޖެއިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޖުމްލަ 593 މީހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 199 މީހަކާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 197 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 124 ކޭހެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު ޕޮޒިޓިވީ ކޮންތަނަކުންކަން ޔަގީން ނުކުރެވޭ 73 މީހަކުވެސް މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެއެވެ.
ޖުމްލަ 593 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ޓެސްޓުކުރި 5،818 ސަމްޕަލްގެ ތެރެއިންނެވެ. އޭގެ ތެރެއިން 2،761 ސާމްޕަލްއަކީ މާލެ ސަރަހައްދުން ޓެސްޓުކުރި ސާމްޕަލްތަކެވެ. އެހެންކަމުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި މިވަނީ ޓެސްޓުކުރި ސާމްޕަލްތަކުގެ 7 ޕަސަންޓް މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/t8RlpbGkjZ
— Health Protection Agency (@HPA_MV) January 11, 2022
ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 20 މީހަކަށެވެ. އޭގެ އިތުރަށް ޕޮޒިޓިވްވެ، ހޯމް އައިސޮލޭޝަނުގައި މިވަގުތު 4،300 މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން މާލެއިން ރަށްރަށަށް ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދަން ޖެހެއެވެ. ހަމައެއާއެކު، މާލެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން އެއްވާނެހެން ހަފްލާތަކާއި ހަރަކާތްތައް ނުބާއްވަން ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން މިދަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންގެ ސަބަބުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެ ދަތުރުކުރި 19 ފަތުރުވެރިއަކާއި އަށް ދިވެއްސަކަށް އޮމިކްރޯން ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް އޮމިކްރޯންގެ ބިރު ބޮޑެވެ.