މީހަކު ސައިކަލު ދުއްވަން ދަސްކުރަނީ -- ފޮޓޯ: މިހާރު

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެން ދޫކުރާނީ ރަޖިސްޓަރީކޮށްފައިވާ ޑްރައިވިން ސްކޫލަކަށް ގޮސް، ދުއްވުމުގެ ތަމްރީނުގައި ވަކި ގަޑިތަކެއް ނުވަތަ ވަގުތުތަކެއް ހަމަކޮށްގެންކަމަށް ޑްރައިވިން ސްކޫލް ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދުގައި ކަނޑައަޅައިފިއެވެ.

މިއަދު އަމަލު ކުރަން ފެށި އެ ގަވައިދުގައި ވަނީ އެކި ކެޓަގަރީތަކުގެ އުޅަނދު ދުއްވުމަށް އަމަލީ ތަމްރީނުގައި މަދުވެގެން ވަކި މުއްދަތެއް ހަމަކުރަންޖެހޭނެކަމަށް ބުނެފައެވެ.

އެގޮތުން ސައިކަލު ދުއްވަން ދަސްކުރާނަމަ އަމަލީ ތަމްރީނުގައި މަދުވެގެން 40 ގަޑިއިރު ހަމަކުރަން ޖެހޭނެކަމަށް ގަވާއިދުގައި ބުނެއެވެ. ދުއްވަން ދަސްކުރާ މީހާ އުޅަނދު ދުއްވިކަމުގެ ރިކޯޑާއި ޓްރެއިނިން ލޮގު ބެލެއްޓުމަކީ އެމީހަކު ދުއްވަން ދަސްކުރާ ޑްރައިވިން ސްކޫލުގެ ނުވަތަ އިންސްޓްރަކްޓަރުގެ ޒިންމާއެއްކަމަށް ގަވާއިދުގައި ބުނެއެވެ. ޑްރައިވިން ލައިސަންސަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިރު، އިންސްޓްރަކްޓަރުގެ ސޮޔާއެކު އެ ރިކޯޑާއި ޓްރެއިނިން ލޮގު ހުށަހަޅަން ޖެހޭނެކަމަށްވެސް އެ ގަވައިދުގައިވެއެވެ.

އެ ގަވާއިދުގައި ވަނީ އެއްގަމު އުޅަނދު ދުއްވަން ދަސްކުރަން ވާނީ އުމުރުން 16 އަހަރު ފުރިފައިވާ މީހުންކަމަށާއި އަދި ދުއްވަން ދަސްކުރާ މީހާ ދުއްވާ އުޅަނދުގެ ކުރީގައާއި ފަހަތުގައި "L" ބޯޑު ޖަހާފައި ހުންނަންވާނެ ކަމަށްވެސް ބަޔާންކޮށްފައެވެ. ދުއްވަން ދަސްކުރަން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ވެސް "L" ބޯޑު ޖަހައިގެން ދުއްވަން ޖެހޭއިރު، އެފަދަ ތަންތަނުގައި އިންސްޓްރަކްޓަރުގެ ހާޒިރުގައި ދަސްކުރާ ފަރާތަށް އެކަނި ދުއްވިދާނެކަމަށް ގަވާއިދުގައި ބުނެއެވެ.

އެ ގަވާއިދުގައި ޑްރައިވިން ސްކޫލުތަކާއި ޑްރައިވިން އިންސްޓްރަކްޓަރުންނަށްވެސް އުސޫލުތައް ކަނޑައަޅާފައިވާއިރު، ދުއްވަން ދަސްކޮށްދޭއިރު އިންސްޓްރަކްޓަރުން ވަކި ހާއްސަ ވެސްޓެއް ލުމަށް ވަނީ ލާޒިމުކޮށްފައެވެ. ދުއްވަން ދަސްކޮށްދޭ ސްކޫލުތަކާއި އިންސްޓްރަކްޓަރުންނަށް އެންމެ ގިނަވެގެން ނެގޭނެ ފީވެސް އެ ގަވާއިދުގެ ދަށުން ކަނޑައަޅައެވެ. އެގޮތުން C4, C3, B4, B3, A1, A0 ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވަން ދަސްކޮށްދޭ ކޯސްތަކުގެ ފީގެ ގޮތުގައި ނެގޭނީ ކޮންމެ ކެޓަގަރީއަކަށް ޖުމްލަ 1،500 ރުފިޔާކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުންވެސްB2, B1, C2, C1  ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވަން ދަސްކޮށްދޭ ކޯހުގެ ފީގެ ގޮތުގައި ނެގޭނީ ކޮންމެ ކެޓަގަރީއަކަށް ޖުމްލަ 2،500 ރުފިޔާކަމަށް ގަވާއިދުގައި ބުނެއެވެ. އަދި V1, C0, B0 ,D0, E ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވަން ދަސްކޮށްދޭ ކޯހުގެ ފީގެ ގޮތުގައި ނެގޭނީ ކޮންމެ ކެޓަގަރީއަކަށް ޖުމްލަ 3,000 ރުފިޔާކަމަށް ވެސް ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *