ކޮވިޑް-19 އަށް ހަދާ ޕީސީއާރު ޓެސްޓު އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު މަޝްވަރާކޮށްފިއެވެ.
ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކޮވިޑްގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ޕީސީއާރު ހެދުން ފަސޭހަކުރަން މަޝްވަރާކުރީ މާލެއިން ރަށްރަށަށް ދާ މީހުން ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދަން ޖެހޭ ކަމަށް އެޗްޕީއޭއިން ނިންމުމާއެކު ޕީސީއާރް ޓެސްޓް ހަދައިދޭ ތަންތަނަށް ބާރުބޮޑުވާން ފެށުމާއެކު އެކަމުގެ ޝަކުވާއާއި މައްސަލަތައް ފެންމަތިވާން ފެށުމުންނެވެ. އެގޮތުން ދިގު ކިއުތަކުގައި ތިބެން ޖެހުމާއި، ޕްރައިވެޓް ކްލިނިކްތަކުން ޕީސީއާރް ޓެސްޓް އަގުބޮޑުކޮށް ހަދައިދިނުން އަދި އެޗްޕީއޭގެ ކުއްލި ނިންމުންތަކާއި ދޭތެރޭ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބައެއް ޕްރައިވެޓް ކްލިނިކްތަކުން ޕީސީއާރް ޓެސްޓް ހަދައިދޭ އަގު 750 ރުފިޔާއަށް އަރައެވެ. ކަންމިހެން އޮތް ނަމަވެސް ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލު ކުރަން ހެލްތު މިނިސްޓްރީން މަޝްވަރާ ނުކުރާކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވަނީ މިއަދު ވިދާޅުވެފައެވެ.
ޕީސީއާރް ޓެސްޓުގެ އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް ނުކުރޭ
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ އާންމުންނަށް ފަސޭހަކަމާއެކު ޕީސީއާރު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޝްވަރާތަކުގެ އިތުރަށް ބޫސްޓާ ޑޯޒް ޖެހުމާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާކުރިއެވެ. ހަމައެއާއެކު އެކަމުގައި ވެސް އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ.
އާންމުނަށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖެހުމުގެ ކަންކަން ކުރިއަށް ގެންދަން މީގެ ކުރިން ނިންމީ މިދިޔަ ޑިސެމްބަރުމަހުގެ މެދުތެރޭގައެވެ. ނަމަވެސް ވެކްސިން ޖަހާ ސިރިންޖު ލިބުމުގެ ދަތިކަމާހެދި އެކަން ފަސްވެގެން ދިޔައެވެ. ނަމަވެސް ސަރުކާރުން މިހާރު ދަނީ މިހިނގާ ޖެނުއަރީ މަހު މެދުތެރޭގައި އާންމުކޮށް ހުޅުވާލައިގެން މިހާރު ބޫސްޓާ ޑޯޒް ޖަހަން ފަށަން ތައްޔާރުވަމުންނެވެ. އެކަމަށް ބޭނުންވާ ވެކްސިންވެސް މިހާރު ރާއްޖެއަށް ލިބިފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.