ކޮވިޑް-19 އަށް ޓެސްޓުކުރަން ހަދާ ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލު ކުރަން ހެލްތު މިނިސްޓްރީން މަޝްވަރާ ނުކުރާކަމަށް ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
މިއަދު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ ޕްރައިވެޓް ކްލިނިކްތަކުގެ ޕީސީއާރް ޓެސްޓުގެ އަގު ކޮންޓްރޯލް ކުރުމުގެ މަޝްވަރާއެއް ހެލްތް މިނިސްޓްރީން ކުރަމުން ނުދިޔަ ނަމަވެސް އެންޓިޖެން ޓެސްތުތައް ފަދަ ތަފާތު އެކިއެކި ޓެސްޓުތައް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޕީސީއާރް ޓެސްޓުތަކުގެ އަގު ވީހާވެސް ދަށްކޮށް، ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ހުރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރާ ޓެސްޓުތަކުގެ ލޯޑް ނަގާނީ އައިޖީއެމްއެޗާއި ސަރުކާރުން ކަމަށެވެ.
ޕްރައިވެޓް ލެބްތަކުން ހަދާ ޓެސްޓުތަކުގެ އަގު އެ ލެބޯޓްރީތަކުން ކަނޑައެޅިނަމަވެސް ގިނަ ލެބޯޓްރީތައް ގާއިމްވެ، ޓެސްޓުތަކުގެ އަގު ތިރި ކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރާ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
ޑރ. ޝާހު ވިދާޅުވީ ޓެސްޓު ހެދުމުގެ މިންގަޑުތަކާ އެއްގޮތަށް ޕްރައިވެޓް ލެބޯޓްރީތަކުން އަމަލުކުރާނަމަ މިނިސްޓްރީން އެކަމަށް ހުރަސް ނާޅާނެ ކަމަށެވެ.
މީގެ ރޯއެޖެންޓްސްއާ، ފާޑުފާޑުގެ މިއަށް ބޭނުންވާ އެއްޗެއްސަކީ ވަރަށް އަގުބޮޑުކޮށް ބޭރުން ވެސް ލިބޭ އެއްޗެހި، އެހެންވީމާ އެހެންތަންތަނުގެ އަގުތަކާއި ރާއްޖޭގެ އަގުތަކާ އެއްވަރުވާން މިހާރުވެސް ސަރުކާރުން، މިނިސްޓްރީ ސައިޑުން މަސައްކަތްތަކެއް އެބަ ކުރެވޭ ޓެސްޓުތަކުގެ އިވެލުއޭޝަންއާއި އެންޓިޖެން ޓެސްޓިންއާ މިހެންގޮސް މިކަހަލަ ކަންކަން ހުއްދަ ކުރެވޭނީ ކިހިނެތްތޯ
ޑރ. ޝާހު އިތުރަށް ވިދާޅުވީ ހެލްތް މިނިސްޓްރީގައި ނުވަތަ ޓެގް ޓީމުގައި ވެސް މަސްލަހަތު ފުށުއަރާ ކަމެއް ހުރި ބޭފުޅަކު ހުރި ނަމަ ޕޮލިސީ ލެވެލްގެ އެފަދަ ނިންމުންތަކުގައި ބައިވެރިވެގެން ނުވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ނިންމުންތައް ނިންމަނީ ވަކި ބޭފުޅަކު ވިދާޅުވާ ވިދާޅުވުމަކަށް ނޫން ކަމަށާއި، ނިންމުންތައް ނިންމާނީ ބޮޑު ޓީމަކުން މަޝްވަރާތައް ކުރުމަށްފަހު ކަމަށެވެ.