ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު / ފައިލް ފޮޓޯ: އެޗްއީއޯސީ

މި މަހުގެ މެދުތެރޭ އާންމުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށަން ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

މިއަދު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން މިހާރު ލިބިފައިވާ ކަމަށެވެ. އޭގެ ކުރިން އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ނުފަށަނީ ވެކްސިން ޖަހަން ބޭނުންވާ ސިރިންޖު ލިބުމުގައި ދަތިކަމެއް އުޅޭތީވެ ކަމަށެވެ. އެންމެ ފުރަތަމަ ބޫސްޓާ ޑޯޒް ޖަހަން އޮތީ މިދިޔަ މަސް ތެރޭގައެވެ. ނަމަވެސް ސިރިންޖު ލިބުމުގެ ދަތިކަމާހެދި އޭރު އެކަން ފެށިފައެއް ނުވެއެވެ.

ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސިރިންޖުގެ ދަތިކަމާ ގުޅޭގޮތުން ޑރ. ޝާހު ވާހަކަދައްކަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޭނާ ވިދާޅުވީ ވެކްސިން ލިބިފައިވާ ކަމަށެވެ. އަދި މިމަހުގެ މެދެއްހާ ހިސާބު ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭން ފަށާނެ ކަމަށްވެސް ޑރ. ޝާހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 80 އިންސައްތައަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު އިތުރުކަން އޭނާ ފާހަގަކުރެއްވިއިރު، ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭން ފެށުމުން އެ އަދަދުވެސް އިތުރުވެގެން ދާނެކަމަށް ޑރ. ޝާހު ލަފާކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝާހު ވިދާޅުވީ ރާއްޖެއިން މިހާރު ދަނީ ކުދި އުމުރުފުރާތަކަށްވެސް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އޭނާ އެހެން ވިދާޅުވެފައިވާއިރު، އުމުރުން ފަސް އަހަރުން މަތީގެ ކުދިން ކޮވިޑުން ދިފާއުވުމަށް ބޭނުންވާ ޕީޑިއޭޓްރިކް ފައިޒާ ވެކްސިން ގަތުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރާއްޖޭގެ ވެކްސިނޭޝަން ތަފާސްހިސާބުތަކަށް ބަލާލާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 396،981 މީހުންނެވެ. އަދި ދެވަނަ ޑޯޒް 368،238 މީހަކު ޖަހާފައިވާއިރު ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 27،762 އަރާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *