ހުސްވެފައިވާ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފް އައްޔަނުކޮށްފިއެވެ.
ޑރ. އަޝްރަފް އެ މަގާމަށް އައްޔަނު ކުރި މިމަހުގެ ނުވަ ވަނަ ދުވަހުކަމަށް ސިވިލް ސާވިސް ކޮމިޝަނުން މައުލުމާތުދެއެވެ. ހެލްތު ސާވިސްގެ އެންމެ މަތީ އެއް މަގާމަށް އައްޔަނުކުރީ ތިން ފަހަރެއްގެ މަތިން އެ މަގާމަށް އިއުލާންކުރުމަށްފަހުކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ޑރ. އަޝްރަފަކީ އިންޓާނަލް މެޑިސިންސް ގެ ދާއިރާއިން ޔުކްރެއިންގެ ސިމްފެރޮޕޮލްގައި ހުންނަ ކްރައިމިއާ ސްޓޭޓް މެޑިކަލް ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި ޑރ. އަޝްރަފް ވަނީ ހަމަ އެ ދާއިރާއިން ނޭޕާލްގެ ކަތްމަންޑޫގައި ހުންނަ ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސްގައި ޓްރެއިނިން ހައްދަވާފައެވެ.
ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވާތާ 14 އަހަރުވެފައިވާ ޑރ. އަޝްރަފް މީގެ ކުރިން ވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިޥާސިޓީގެ ސްކޫލު އޮފް މެޑިސިންގައިވެސް ޑރ. އަޝްރަފް ވަނީ ލެކްޗަރާއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.
ޑރ. އަޝްރަފް ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ގިނަ މަގާމުތަކެއް ޑރ. އަޝްރަފް ވަނީ މީގެ ކުރިން އަދާކުރައްވާފައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައިވެސް ޑރ. އަޝްރަފް މީގެ ކުރިން މަސައްކަތްކުރިކަން ފާހަގަކުރެވެއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި ހުންނަވާއިރު ޑރ. އަޝްރަފަށް މުސާރައާއެކު ޖުމްލަ 70،000 ރުފިޔާގެ އަދަދެއް ލިބޭނެއެވެ. އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިއްހީ ދާއިރާ ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ދާއިރާއަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވައިލުމުގެ އިތުރުން އެކަންކަމަށް ބޭނުންވާ ފަންނީ ވިސްނުން ހެލްތު މިނިސްޓަރަށް ފޯރުކޮށްދީ އިރުޝާދު ދިނުންވެސް ހިމެނެއެވެ. އެ މަގާމުގައި ކުރިން ހުންނެވީ ޑރ. ޝީޒާ އަލީއެވެ.