މިއަހަރުގެ ފުރަތަމަ 11 ދުވަސް ތެރޭ އެކަނިވެސް 3،500 އެއްހާ މީހުންނަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ މައްސަލަ ޖެހިގެން ރިޕޯޓް ކޮށްފައިވާކަމަށާއި އަދި އެއީ ނޯރޯވައިރަސްއެއްގެ ސަބަބުން ކުރިމަތިވާކަމެއްކަމަށް ޝައްކުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އެޕިޑީމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު މިއަހަރު ބޭރަށް ހިންގުމައި ހޮޑުލުން ރާއްޖޭގައި ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށެވެ.

2019 ވަނަ އަހަރުން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތް
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ވޭތުވެދިޔަ މިދިޔަ ތިން އަހަރު ތެރޭ ހުށަހަޅާފައިވާ ނިސްބަތަށް ބަލާއިރު، އެންމެ ހާލަތު ގޯސްވީ 2019 ވަނަ އަހަރު މެދުތެރޭގައެވެ. އޭރު އެންމެ ގިނަ ކޭސްތައް ރިޕޯޓް ކުރި ހަފްތާގައި ވެސް ރިޕޯޓްކުރީ 3،250 އެއްހާ ކޭސްއެވެ.
ނަމަވެސް މިއަހަރުގެ ފުރަތަމަ ހަފްތާ ތެރޭގައި އެކަނިވެސް މުޅި ރާއްޖެއިން 3،491 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ ތިން އަހަރު ތެރޭގައި މިފަދަ މައްސަލަ އެންމެ ގަދައަށް ރިޕޯޓުކުރި ހަފްތާކަން ފާހަގަކޮށްލެވެއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ބައެއް ކަހަލަ ބޭރަށް ހިންގުމުގެ ޖަރާސީމުތަކަކީ އެ ޖަރާސީމު ހަށިގަނޑަށް ވަނުމާއި އޭގެ އަލާމާތްތައް ފެންނަން ނަގާ މުއްދަތު ވަރަށްވެސް ކުރު ޖަރާސީމުތަކެއްކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މިއުޅޭ ވައިރަސްއަކީ ނޯރޯވައިރަސްއެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ.
ނޯރޯ ވައިރަސް ހަށިގަނޑަށް ވަންނަތާ 12 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު، އޭގެ އަލާމާތްތައް ފެންނަން ފަށައެވެ. އެހާއަވަހަށް ބަލީގެ އަލާމާތްތައް ފެނުމުގެ އިތުރުން އެބަލި ހަށިގަނޑުގައި ދެމިހުންނަނީވެސް އެހާ ކުރުމުއްދަތެއްގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެގޮތުން ބަލިޖެހޭތާ 24 ގަޑިއިރާއި 60 ގަޑިއިރާ ދެމެދު އާންމުކޮށް ބަލި ރަނގަޅުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޭރަށް ހިންގުމައި ހޮޑުލުމުގެ ކޭސްތައް އިތުރުވެގެން އައިގޮތް
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ހިއްސާ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި އިތުރުވެފައި މިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަހު ހަފްތާގައި ކުއްލި ގޮތަކަށެވެ.
އެގޮތުން އޭރުއްސުރެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވެއެވެ. މުޅި 2021 ވަނަ އަހަރު ވެސް 500 އަށްވުރެ ދަށުން ކޭސްތައް ރިޕޯޓް ކުރަމުން ދިއުމަށްފަހު ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި 1،208 ކޭސް އަދި މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަހައްދުން 2،935 ކޭސް ފެނިފައިވެއެވެ.

ވޭތުވެދިޔަ ދެ ހަފްތާގައި ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ހުރިގޮތް
ހަމައެއާއެކު އެ ބަލި ގަދައަށް ފެތުރެމުން ދަނީ ގްރޭޓާ މާލެ ސަރަހައްދުގައިކަން ވެސް ފާހަގަކޮށްލެވެއެވެ.
އެފަދަ ބަލިތަކަކީ ވަކި ހާއްސަ ފަރުވާއެއް އޮންނަ ބަލިތަކަކަށް ނުވި ނަމަވެސް ޑރ. އަފްޒަލް ވަނީ އެ ބަލި ޖެހިއްޖެނަމަ އަމަލުކުރަންވީގޮތް ކިޔައިދެއްވާފައެވެ. އެގޮތުން ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމާއި އޯއާރްއެސް ނުވަތަ ލޮނު ޕެކެޓު ބޭނުން ކުރުމަށް އޭނާ އިރުޝާދުދެއްވިއެވެ. ހަމައެއާއެކު އެހެން ބަލިތަކުން ރައްކާތެރިވުމަށް އަމަލުކުރާ އާންމު މިންގަނޑުތަކަށް އަމަލުކުރުމަށްވެސް އޭނާ ވަނީ އިރުޝާދުދެއްވާފައެވެ.
ހަމައެއާއެކު ކާއެއްޗެހި އެތެރޭގައި ހަރުނުލާވަރަށް ހޮޑުލެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޑރ. އަފްޒަލް އިރުޝާދު ދެއްވިއެވެ. އޭނާ ވިދާޅުވީ މިދުވަސްވަރު ކޮންމެހެން ދާން ޖެހިގެން މެނުވީ ހޮސްޕިޓަލްތަކަށް ނުދިއުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށެވެ.