އިންޑިއާގެ ޓާޓާއާ ދިވެހި ހަތަރު ސަރުކާރެއްގެ 12 އަހަރުވީ ގަދަ ހިފުން

މީގެ 12 އަހަރު ކުރިން ހެދި އެއްބަސްވުމެއްގެ ހަސްކާ އަދިވެސް ރާއްޖެއަށް ކުރިމަތިވެދާނެކަމަށް ހީނުކުރިޔަސް މިއަދު ކަންކަން ވަމުންދަނީ އެގޮތަށެވެ. އިންޑިއާގެ ވަރުގަދަ ބިޔަ ޓާޓާ ކުންފުންޏަށް 2010 ވަނަ އަހަރު މާލޭގައި ފްލެޓު އަޅަން ހަވާލުކުރި އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުނިމި ހުރި ފްލެޓްތަކެއްގެ މައްސަލައިގައި އެންމެ ފަހުން އާބިޓްރޭޝަން އަކާ ހަމައަށް ގޮސް ބަދަލު ދިނުމުން ސަލާމަތްވުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އަނެއްކާވެސް ބަދަލު ދިނުމުގެ ވާހަކަތަކެވެ.

ޓާޓާއާއެކު ހަދައިފައިވާ އެއްބަސްވުމުން ދައުލަތަށް ނުވަ މިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނި ނަމަވެސް މުޅި އެއްބަސްވުމަށް ބަލާއިރު އެކަމުގައި އެތައް ގެއްލުންތަކެއް ފެންނަން އޮތީ ހާމައަށެވެ. ގިނަ ބައެއްގެ ފާޑު ކިޔުން މިކަމަށް އަމާޒުވެ ދައުލަތުން އުފުލަން ޖެހިފައިވާ ބޮޑު ބުރައެއްގެ ގޮތުގައި އެ އެއްބަސްވުން ސިފަކުރާއިރު، ސަރުކާރުން އެ އެއްބަސްވުން ދިފާއު ކުރަނީ މިއީ މިހާރު އޮތް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ބުނެއެވެ. ސަރުކާރުން ދަނީ އެހެން ބައެއްގެ އަމަލުތަކެއްގެ ބުރަ އުފުލަން ޖެހުމުން ކަންވާ ގޮތަކީ މިއީކަމަށް ބުނެ ހުއްޖަތު ދައްކަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި އެކު އެއްބަސްވުން ގާއިމްކުރީ މާލޭގައި ގާކޮށި އަދި އަރަބިއްޔާ ކުރިން ހުރި ބިމުގައި 555 ހައުސިން ޔުނިޓު ގާއިމްކުރުމަށެވެ.

އެ އެއްބަސްވުމުގައި ގިނަ ކަންތައްތަކެއް ސަރުކާރަށް ޝަރުތުކޮށްފައިވާއިރު، އޭގެ ތެރޭގައި އެ ކުންފުނިން ލަގްޒަރީ އިމާރާތްތައް އެޅުމަށާއި ވިލާ ހެދުމަށް ފަޅު ރަށަކާއި، މާލެއިން ދެ ބިން ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި ހައުސިން ޔުނިޓުތަކުގެ ތެރެއިން 288 ޔުނިޓަށް ސަރުކާރުން ފައިސާ ދައްކަން ޖެހެއެވެ. އެކަމަކު ވާހަކަ އެހިސާބަކުން ނުނިމެއެވެ. އެނޫންވެސް އެތައް އެތައް ޝަރުތެއް އެ އެއްބަސްވުމުގައި އޮތެވެ.

އެއްބަސްވުމުން ޓާޓާ އަށް ލިބޭ ފައިދާތައް

  • ސޯޝަލް ހައުސިން ޔުނިޓްތަކާއި ލަގްޒަރީ ހައުސިން ޔުނިޓް އަޅައި އެ ކުންފުނިން ބޭނުން އަގެއްގައި ވިއްކުމަށް އޯޑިއޯން އާއި ނާދީ ބިން ލިބުން
  • ބިމު ކުލި ނުނަގައި 35 ލަގްޒަރީ ވިލާ ހަދައިގެން ވިއްކަން ޅ. ޅޮއްސަލަފުށި 50 އަހަރަށް ލިބުން
  • މި މަޝްރޫއަށް ގެންނަ ހުރިހާ މުދަލެއްގެ ޑިއުޓީ މާފްކޮށްދިން
  • ހައުސިން ޔުނިޓްތައް އިމާރާތްކުރާ ބިންތަކުގެ ގްރައުންޑް އަދި ފަސްޓް ފްލޯ އެއްވެސް އަގަކާ ނުލައި ވިޔަފާރިކުރަން ޓާޓާ އަށް ދޫކުރުން
  • އެ ކުންފުންޏާ ހަވާލުކުރި 555 ހައުސިން ޔުނިޓުގެ ތެރެއިން 288 ހައުސިން ޔުނިޓުގެ އަގު ސަރުކާރުން އަދާކުރުން. އެއީ ޔުނިޓަކަށް 72،500 ޑޮލަރު.
  • ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ތަންތަނުގެ ތެރެއިން 117 ލަގްޒަރީ ހައުސިން ޔުނިޓް، ޓާޓާ އަށް ފައިދާވާ އަގަކަށް ވިޔަފާރި އުސޫލުން ދޫކުރެވުން

އެހާ ފައިދާ ބޮޑު އެއްބަސްވުމަކަށް 2014 ވަނަ އަހަރު ފަހުން ގެނައި އިސްލާހެއްވެސް ވެއެވެ. އެއީ ޅޮއްސަލަފުށި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން 50 އަހަރަށް ޓާޓާއަށް ދޫކުރަން އޮތް އިސްލާހެކެވެ. އެ ހުރިހާ ފައިދާއެއްގެ ބަދަލުގައި ރާއްޖެ އަށް ލިބެނީ އެންމެ 555 ހައުސިން ޔުނިޓެވެ.

އަދި ދައުލަތަށް ހަރަދެއްނެތި ލިބެން އޮތީ އެއްކަލަ 555 ހައުސިން ޔުނިޓްގެ ތެރެއިން އެންމެ 267 ޔުނިޓެވެ. ޓާޓާއާ އެކު ހަދާފައިވާ އެ އެއްބަސްވުމަކީ އެތައް ގޮތަކުން ދައުލަތަށް ގެއްލުންވާނެ އެއްބަސްވުމެއްކަން އެހިސާބުންވެސް ސާފެވެ.

އެ އެއްބަސްވުމަކީ އެއްބަސްވުމުގެ އެއް ބައިވެރިޔަކަށް މާ ބޮޑަށް ފައިދާވާ ގޮތަށް ހެދިފައިވާ އެއްބަސްވުމެއް ކަމަށް ކަމާ ބެހޭ މާހިރުން އޭރުވެސް އައީ ބުނަމުންނެވެ. އެ ހުރިހާ ކަމެއް އެހެން އޮއްވާ އެގްރީމަންޓުގައި މައްސަލައެއް ދިމާވެ އާބިޓްރޭޝަނަށް ދާން ޖެހޭ ފަދަ ހާލަތެއް އަތުވެއްޖެނަމަވެސް ދާން ލާޒިމުކޮށްފައި އޮތީވެސް އިންޑިއާގެ ކޯޓަކަށެވެ.

އެވަރުގެ އެއްބަސްވުމެއް އެހެން އޮއްވާ އެމަޝްރޫއުއިން މައްސަލަތައް ނިކުންނަން ފެށީ، 288 ހައުސިން ޔުނިޓު ނިންމާލުމަށް ފަހު ޓާޓާއިން އިތުރު ޔުނިޓްތަކެއްގެ މަސައްކަތް ނުކުރި ހިސާބުންނެވެ. އޭރު ފެބްރުއަރީ ހަތެއްގެ ހާދިސާތަކާއެކު ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެއްޖެއެވެ.

މަޝްރޫގެ ދަށުން އެ ކުންފުނިން އެޅި 288 ހައުސިން ޔުނިޓަކީ ދައުލަތުން ފައިސާ ދައްކާ ޔުނިޓްތަކެއްކަމުން އަދި ޓާޓާއިން އިތުރު މަސައްކަތްތަކެއް އެއްބަސްވުމުގައި ވާ ގޮތަށް ނުކުރާތީވެ، ނަޝީދު ސަރުކާރަށްފަހު އައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އަތުލީ މާލެއިން ޓާޓާއަށް ދީފައި އޮތް ދެބިމެވެ. އެހިސާބުން ޓާޓާ އިން އެ މައްސަލަ އާބިޓްރޭޝަނަށް އިންޑިއާގެ ކޯޓަކަށް ގެންދިޔައެވެ.

އާބިޓްރޭޝަނުގައި އެ މައްސަލަ އޮއްވާ ދެން ފެށުނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރެވެ. ރައީސް ޔާމީންގެ ދައުރުގައި މައްސަލައިގެ އާބިޓްރޭޝަންގައި ދިވެހި ސަރުކާރުގެ ފަޅިން އެންމެ އިސްކޮށް ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެކަމާ ގުޅިގެން މޭޔަރު މުއިއްޒުގެ ވާހަކަތަކުން ދޭހަވީ އެ އެއްބަސްވުމަކީ ރާއްޖެ ސަރުކާރާއި އިންޑިއާގެ ބިޔަ ޓާޓާ ކުންފުންޏާ ދެމެދުގައި އޮތް ގަދަ ހިފުމެއްގެ ގޮތުގައެވެ. ނަމަވެސް އެ ގަދަހިފުމުގައި ރާއްޖެ ސަރުކާރު އޮތީ ދޯދިޔާ އެއްބަސްވުމެއްގެ ސަބަބުން ޓާޓާގެ އަތްދަށުވެފައިފަދަ ގޮތަކަށެވެ.

މޭޔަރު މުއިއްޒު އެމަސައްލައިގައި "ޖަޒީރާ" އަށް ވިދާޅުވީ އެއްބަސްވުމުގައި އޮތް ގޮތަށް އިންޑިއާ ކުންފުންޏެއް ގޮވައިގެން އިންޑިއާގެ ކޯޓަކަށް ދިއުމުން ރާއްޖެ އަށް އެ މައްސަލަ ކާމިޔާބުވާނެ ކަމުގެ އުންމީދެއް ނެތުމުން ސަރުކާރުން ވާހަކަދައްކައިގެން ހައްލުކުރެވޭތޯ މަސައްކަތް ކުރެއްވިކަމަށެވެ.

އަޅުގަނޑުމެން ދެން ހުށަހެޅީ މާލެތެރެ ތޮއް ނުޖެހޭނެ ގޮތަކަށް މާލޭގެ ދެކުނު ފަރާތަށް އެ ދެ ބިން ބަދަލުކުރަން. އެކަމަކު އެކަން ވެސް ނުކުރެވުނީ އެއްބަސްވުން އޮތް ގޮތުން އެހެން ހަދަންޏާ ވެސް އެމީހުން 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން އެބަ ކްލެއިމް ކުރޭ"

އެނާ ވިދާޅުވީ އެއްބަސްވުމަށް ގެންނަން އުޅުނު ބަދަލުތަކަށްވެސް ޓާޓާއިން ބޮޑު އަދަދެއް ކްލެއިމް ކުރާއިރު، އެއީ ސަލާމަތްވެވެން ނެތް ކަމެއްކަން ގަބޫލުކޮށް މިދިޔަ ސަރުކާރުން އެކަން ދޫކޮށްލި ކަމަށެވެ. އަދި އޭރު އެ ކުންފުންޏާއެކު ވެފައިވާ އެއްވެސް އެއްބަސްވުމަކަށް ބަދަލެއް ގެނެސްފައި ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ އެއްބަސްވުމުގައި ދަށުވެފައި އޮތްނަމަވެސް ރާއްޖެ ސަރުކާރުން 2015 ވަނަ އަހަރު އެ ހައިޖާނުގެ ތެރެއިން ކުޑަ ކާމިޔާބެއް ހޯދިއެވެ. އެއަހަރު އާބިޓްރޭޝަނަށް ދާން ޖެހޭ ކޯޓު އިންޑިއާގެ ކޯޓަކުން ސިންގަޕޫރުގެ ކޯޓަކަށް ބަދަލުކުރެވުނެވެ.

މިހާރު އޭގެ 12 އަހަރު ފަހުން އެ މައްސަލައިގައި ކޯޅެން މިޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށެވެ. މައްސަލަ އަދިވެސް އޮތީ ސިންގަޕޫރުގެ އާބިޓްރޭޝަނުގައެވެ.

މިސަރުކާރުން މިހާރު މަސައްކަތްކުރަމުން ދަނީ ޓާޓާއާ އެކު ދައުލަތުން ވީ އެއްބަސްވުމަށް ދައުލަތުން ބަދަލެއް ދޭން ނުޖެހޭ ގޮތަށް އަނެއްކާވެސް ރީ އޮނާ ކުރާށެވެ. ނުވަތަ އަލުން އެއްބަސްވުން އޮތް ގޮތަށް ތަންފީޒުކުރާށެވެ. އެގޮތަށް މަސައްކަތްކުރަނީ އެއީ ސަރުކާރަށް އަދި ރާއްޖެއަށްވެސް އެންމެ ފައިދާހުރި ގޮތްކަމުގައިވާތީކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ދެކިލައްވައެވެ.

އެހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި އަކްރަމް ވިދާޅުވީ އާބިޓްރޭޝަނުގައި ޓާޓާއިން 200 މިލިއަން ޑޮލަރު ކްލެއިމް ކުރާތީވެއެވެ. އަދި އެކަން އެކުންފުންޏަށް ކާމިޔާބުވުމުގެ ފުރުސަތުވެސް އޮންނާތީވެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދައުލަތަށް އުފުލޭނެ ބުރައެއް ނޫން ކަމަށް އަކްރަމް ވިދާޅުވިއެވެ. އޭގެ އިތުރަށްވެސް އަކްރަމް ވަނީ ޓާޓާއިން އެއްބަސްވުމުގެ މަސައްކަތްތައް ނުނިންމާކަމަށް ބުނާ ވާހަކަވެސް ދޮގުކޮށްފައެވެ.

ސަރުކާރުން މިހާރު ވަނީ އެ މައްސަލަ ނިންމާލުމަށް ޓާޓާއަށް އޯޑިއޯން ބިމާއި ނާދީ ބިން ދޭން ނިންމާފައެވެ. އަދި ދެ ރަށެއްވެސް 15 އަހަރަށް ދޭން ނިންމާފައެވެ. އަކްރަމް ދެކިއްލައްވާ ގޮތުގައި އެއީ ބަދަލެއް ނޫނެވެ. ނަމަވެސް އެގްރިމެންޓަށް އޮނާ ކުރުމެވެ. އަދި ކުރީ ސަރުކާރުގައި ޓާޓާއާ ވާހަކަދެއްކި ގޮތާއި ހިލާފަށް އަކްރަމް ވިދާޅުވީ މިހާރުގެ އެއްބަސްވުމުން ދައުލަތަށްވެސް ފައިދާވާނެ ކަމަށެވެ.

އަޅުގަނޑުމެން މި ނިންމީ އެމީހުންނަށް ވެފައި އޮތް އެގްރީމަންޓަށް އޮނަރ ކުރަން. އެ އެގްރިމަންޓް އޮނަރ ކުރީމަ 9 މިލިއަން ޑޮލަރު ވެސް ލިބޭ ދައުލަތަށް. އަދި އެ މަސައްކަތް (ފްލެޓުތަކުގެ) ޓާޓާއިން ހަ މަސް ތެރޭގައި ފަށަން ޖެހޭ،"

އަކްރަމް ވަނީ އެންމެ ފުރަތަމަ ޓާޓާއެކު 2010 ވަނަ އަހަރު ހެދި އެއްބަސްވުމަކީވެސް ގެއްލުމެއް ނެތި ދައުލަތަށް ފައިދާވާ ގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެ އެ އެއްބަސްވުން ދިފާއުކުރައްވާފައެވެ.

ނަމަވެސް، އެ މައްސަލައަށް ހެދި އޮޑިޓަކުން ދައްކަނީ މުޅިން އެހެން ތަފާތު މަންޒަރެކެވެ. އެ އޮޑިޓުންވެސް އެއްބަސްވުމުން ދައުލަތައް ލިބޭ ގެއްލުން ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު އެއްބަސްވުން ހެދުމުގެ ކުރިން ހުރި މައްސަލަތަކެއްވެސް ފާހަގަކުރެއެވެ. އެގޮތުން ބީލަން ކުރިއަށް ގެންގޮސްފައި ވަނީ ހަމަހަމަ އުސޫލަކުން ނޫން ކަމާއި، އެގްރީމަންޓު ހެދި ފަހުންވެސް އެ ކުންފުންޏަށް އެކި ފައިދާތައް ހޯދައިދޭނެ ކަހަލަ ބަދަލުތަކެއް އެއްބަސްވުމަށް ގެނެސްފައިވާކަން އޮޑިޓުން ފާހަގަކުރެއެވެ.

އޭގެ އިތުރަށް އެ ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯސަލް އާއި ކުންފުންނާ ހަވާލުކޮށްފައިވާ މަޝްރޫގައި ހުރި ހައުސިން ޔުނިޓުތަކުގެ އަދަދާއި އަގު ވެސް ދިމާނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ޑިވެލޮޕަރުންނަށް ލުއިތަކާއި އިނާޔަތްތައް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތަށް އެއްވެސް ފައިދާއެއް ވާނެ މަގެއް ހޯދާފައި ނުވުމާއި، އެއްބަސްވުމުގައި ވާގޮތަށް ހައުސިން ޔުނިޓުތައް ވިއްކާނެ މަގެއްވެސް ހަމަޖައްސާފައިނުވާކަން އެ ރިޕޯޓުން ފާހަގަކުރެއެވެ.

އަދި ޓާޓާ އާ ހަވާލުކުރި ބޮޑު މަޝްރޫއެއްގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔަ އިރު ސަރުކާރުން އެކަމާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ، އެކަން ލަސްވީ ކީއްވެތޯ ބަލައި އެކަމުގެ އެއްވެސް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައިނުވާކަން ވެސް އޮޑިޓުން ފެންނަ އޮތެވެ.

ގާނޫނީ ގޮތުންވެސް ބޮޑެތި މައްސަލަތަކެއް އެ އެއްބަސްވުމުގައި އެބަ ހުއްޓެވެ. އަދި ޓާޓާއަށް ނާޖައިޒު ފައިދާތަކެއް ލިބޭނެ ފަދަ ގޮތްތަކެއްވެސް އެ އޮޑިޓުން ފާހަގަކުރާއިރު، ސަރުކާރުން މިހާ ބޮޑު ބަދަލެއް ޓާޓާއަށް ދޭން ނިންމީ ކީއްވެގެންތޯ އެއީ އުފެދޭ ސުވާލެކެވެ. މިއަދު އަދިވެސް އެއްވެސް ސަރުކާރަކުން ޓާޓާއާއެކު ހަދާފައި އޮތް އެއްބަސްވުން އާންމުކޮށްަފައިނުވާއިރު، އެވަރުގެ ބަދަލަކަށް ސަރުކާރުން ދައްކަން އޮތް ހުއްޖަތަކީ ކޮބައިކަމެއްވެސް ސާފެއް ނޫނެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %