ރިނބިދޫގައި ކަރަންޓީންގައި ހުރި މީހެއްގެ ސާމްޕަލް ނަގަނީ -- ފޮޓޯ: ހާތިމް އިބްރާހިމް

ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ ހާލަތާއި ގުޅިގެން މައުލޫމާތު ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކަރަންޓީނުގެ މުއްދަތަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތެއް ނެތް މީހެއް ނަމަ، އެ މީހަކު ކަރަންޓީނު ކުރާނީ 10 ދުވަހަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހަކަށް ވާންޖެހެއެވެ.  މިފަދަ މީހުން މިހާރު ކަރަންޓީނު ކުރަނީ 14 ދުވަހަށެވެ.

މީގެއިތުރުން، ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓުވާ މީހުންގެ ކަރަންޓީނު މުއްދަތަށް ވެސް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުންނަށް ދެ ގޮތެއް ޚިޔާރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ގޮތަކީ 10 ދުވަހަކަށް ކަރަންޓީނު ކުރުމަށްފަހު، އެއްވެސް އަލާމާތެއް ނެތް ނަމަ، ޓެސްޓު ނުކޮށް ދޫކޮށްލުމެވެ. ނަމަވެސް އަލާމާތެއް ނެތް ނަމަ ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ދެވަނަ ގޮތަކީ ފަސް ދުވަސް ފަހުން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވް ނަމަ، ކަރަންޓީނުން ދޫކޮށްލުމެވެ. 

ނަޒްލާ ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހެއް ނަމަ 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. އަދި އެމީހަކު ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭ އިން ލަފާކުރާ ގޮތުގައި ކޮވިޑްގެ އައު ވޭރިއެންޓް ކަމަށްވާ، އޮމިކްރޯން މުޅި ރާއްޖެއަށް ފެތުރޭނެއެވެ. އަދި މި ވޭރިއެންޓާއި ގުޅިގެން ކޭސްތައް އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމުގެ ބިރު އެބައޮތެވެ. ކޭސްތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާތީ އެ އިދާރާއިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ.

އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ މީހުން މާލެއިން ބޭރަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހެއެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ މީހެއްނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހެއެވެ. އޭގެ ތެރޭގައި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން އިސްތިސްނާވެއެވެ. އެފަދަ މީހުން ކަރަންޓީނުން ދޫކުރާނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރު ޓެސްޓެއް ހަދައި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *