School
ސްކޫލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އިން އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ: ޕީއެސްއެމް

ރާއްޖެއިން ބޭރުން ރާއްޖެ އަށް އަންނަ މުދައްރިސުންނާއި ދަރިވަރުންނަށް ވެސް ސްކޫލްތަކަށް ދެވޭނީ ރާއްޖެ އަންނަތާ 3 ދުވަހާއި 5 ދުވަހާ ދެމެދު ހަދާ ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ލިބުމުން  ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެކަމާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގައިވާގޮތުން ރާއްޖެއިން ބޭރުގެ ކޮންމެ ގައުމަކުން ރާއްޖެ އައި ކަމުގައި ވީ ނަމަވެސް ރާއްޖެ އަންނަތާ 3 ދުވަހާއި 5 ދުވަހާ ދެމެދު ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހެއެވެ. އެކަމަކު މިހެން ޓެސްޓު ކުރާ މީހާ ކަރަންޓީން ވާކަށް ނުޖެހެއެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ އެންމެން ވެސް ޓެސްޓު ކުރަން ޖެހޭ އިރު އޭގެ ތެރެއިންސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަރިވަރުންނަށް ވެސް ސްކޫލަށް ދެވޭނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނެގެޓިވް ނަތީޖާ ލިބުމުން ކަމަށެވެ. އަދި އެކަން މިހާރު އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލްތަކަށް ވެސް އަންގާފައިވާ ކަމަށާއި، ވަރަށް ގާތުން އެކަންކަން ބެލުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

ރާއްޖެ އަންނަތާ 5 ދުވަސް ތެރޭގައި ޓެސްޓުކުރަން ޖެހެނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނެވެ. ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހެއް ނަމަ ރާއްޖެ އައުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. އެ މުއްދަތަށް ފަހު ދޫކޮށްލަނީ ވެސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.

މީގެ އިތުރަށް މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް އިތުރުވެފައިވާތީ މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތައް ވެސް 72 ގަޑި އިރު ހަމަނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އެއް ހުށަހަޅަން ޖެހެއެވެ. އަދި އެއީ ވެކްސިން ފުރިހަމަކޮށްފައިނުވާ މީހެއް ނަމަ ރަށަށް ގޮސްވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ.

އެހެންވެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލޭގައި ތިބި އަތޮޅުތެރޭގެ ދަރިވަރުންނާއި މުދައްރިސުން ވިހާ ވެސް އަވަހަކަށް އަނބުރާ ރަށަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *