މިދިޔަ އޮކްޓޯބަރު 19 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ފިލިޕީންސްއަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް ޕިނެޑާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި މާވިން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އުމުރުން 29 އަހަރުގެ މާވިން އާއި އެކު، އޭނާގެ ލޯބިވެރިޔާކަމަށް ތުހުމަތުވާ އުމުރުން 24 އަހަރުގެ ދިވެހި އަންހެނާ ހަލީމަތު ލަމްހާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
މާވިންގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވިންގެ މައްޗަށް އެ ދައުވާ އުފުލާފައިވާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނީ، މާވިން، އޮކްޓޫބަރު 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނަ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މާވިންއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ދަންޖެހިގެން މަރުވީކަމަށް ބުނެ އޮކްޓޯބަރު 19 ވަނަ ދުވަހު މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ ވެސް މާވިންއެވެ. މަރުގެ ސަބަބެއްކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ މެރީ މަރުވެފައިވަނީ "ބްލަންޓް ފޯސް ޓްރޯމާ" އެއްގެ ސަބަބުންކަމަށެވެ. އެއީީ އެއްޗަކުން ޖެހުމުން ލިބޭ އަނިޔާ އެވެ.