ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗަރ ކުންފުނީގެ ދަށުން ހިންގާ 'މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ'ގެ ކިޔެވުން ފަށައިފިއެވެ.
ފްލައިން ސްކޫލް ހިންގަނީ މޯލްޑިވިއަންއާއި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއި ގުޅިގެންނެވެ.
އޭވިއޭޝަން ސްކޫލުން ބުނީ އެ ސްކޫލްގައި ކިޔަވާ ދަރިވަރުން ބޭނުން ކުރަނީ ސްޓޭޓް އޮފް ދަ އާރޓް، ލަރނިންގް މެނޭޖްމެންޓް ސިސްޓަމެއް ކަމަށެވެ. އަދި މިއީ ދުރުގައި ތިބެގެން، މި ފަދަ ގޮތަކަށް ސިވިލް އޭވިއޭޝަން އެކެޑެމީން އެޕްރޫވްކޮށްފައިވާ ޓްރެއިންގ އެއް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.
ފްލައިން ސްކޫލްގެ ކިޔެވުން މި ފެށުނީ އައްޑޫގައި ހިންގި ފްލައިންގ ސްކޫލްގެ ކިޔެވުން، ހުއްޓި ދަރިވަރުންގެ ކިޔެވުން މެދުކެނޑިފައިވާތާ އެތައް މަސްތަކެއް ވެފައިވަނިކޮށެވެ.
އައްޑޫގައި ހިންގި، އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އުވާލީ ބޮޑެތި އިހުމާލުތަކެއްގެ ސަބަބުން 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ވެ އެ މައްސަލަ ފެންމަތިވެގެންނެވެ. އޭގެ ސަބަބުން ގިނަ ކުދިންގެ ކިޔެވުން މެދުކެނޑިފައިވާއިރު، އައު ފްލައިން ސްކޫލް ހުޅުވައި އިސްކަން ދޭނީ އެކުދިންނަށް ކަމަށް ބުނެފައިވެއެވެ.