ޒުވާނުންނަށް ޚާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލު ހުށަހަޅައި، އެ ޚިޔާލުގައި ކާމިޔާބު ވިޔަފާރިއެއްގެ ސިފަ ޖެއްސުމަށްޓަކައި ކުރިއަށް ގެންދިޔަ "ޕިޗްއަޕް: ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖް" ކާމިޔާބު ކުރި ފަރާތްތަކަށް ގްރާންޓް އެވޯޑުކޮށްފިއެވެ.
މި ޗެލެންޖަކީ ދިވެހި ޒުވާނުންނަށް ހާއްސަ އަހައްމިޔަތުކަމެއް ދީގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއާއި، ވިޔަފާރިވެރިކަމުގެ ހުނަރުތައް ތަރައްގީކޮށް، ޒުވާނުންނަށް ވަޒީފާއާއި، އާމްދަނީގެ މަގުތައް ފަހިކޮށްދިނުމަށް ވަރލްޑް ބޭންކުގެ އެހީގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހިންގި ޕްރޮޖެކްޓެއްގެ މައިގަނޑު އެއް ހަރަކާތެކެވެ.
މިއީ ފަތުރުވެރިކަމާއި، ފަތުރުވެރިކަމާއި ގުޅުންހުރި ޢުމްރާނީ މަސައްކަތާއި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ދިވެހި ޒުވާނުން ޝާމިލުވާ 23 އައު ވިޔަފާރިއަކަށް 12.4 މިލިޔަން ދިވެހި ރުފިޔާގެ ހިލޭ އެހީ އެވޯޑު ކޮށްފައިވާ ކަމަށެވެ.
ގްރާންޓް ލިބުނު 23 ވިޔަފާރީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން 6 ވިޔަފާރިއާއި، ފަތުރުވެރިކަމާއި ގުޅުންހުރި ޢުމްރާނީ މަސައްކަތުގެ ދާއިރާއިން 1 ވިޔަފާރިއާއި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން 5 ވިޔަފާރިއާއި އަދި ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެއް ހިމެނެއެވެ.