ސޯޝަލް ސެންޓަރު ކައިރީގައި ޓެސްޓުކުރަން ކިއު ހަދާފައި. ޖަޒީރާ ފޮޓޯ: އިބްރާހިމް އިފާޒް

ކޮވިޑް-19 އިތުރުވުމާ ގުޅިގެން އެޅި ފިޔަވަޅުތަކާއި އެކު މާލެ ސަރަހައްދުން ސާމްޕަލް ނަގަން ދާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން މާލޭގައި އިތުރު ސާމްޕަލް ސެންޓަރެއް ހުޅުވައިފިއެވެ.

މާލެ ސަރަހައްދުގައި އިތުރު ސެންޓަރެއް ހުޅުވާފައި ވަނީ އެފްއޭއެމްގައެވެ. އެޗްޕިއޭއިން ބުނީ މިއަދު 14:00 އިން ފެށިގެން އެތަނުން ހިދުމަތް ދޭނެ ކަމަށެވެ. އަދި ސޯޝަލް ސެންޓަރުގައި ހިންގަމުން އައި ސާމްޕަލް ސެންޓަރު މިއަދު 15:00 އިން ފެށިގެން ތާޖުއްދީން ސްކޫލަށް ބަދަލުކުރާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މުޅި މާލެ ސަރަހައްދުގައި މިހާރު އެޗްޕީއޭއިން ހިންގަމުން އަންނަނީ ޖުމްލަ ތިން ސާމްޕަލް ސެންޓަރެވެ. އެއީ ވިލިމާލޭގައި ހިންގާ ސާމްޕަލް ސެންޓަރުގެ އިތުރަށް އެފްއޭއެމާއި އަދި ތާޖުއްދީން ސްކޫލުގައި ހިންގަން ފެށި ތަންތަނެވެ.

އޭގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ސަރުކާރުން ހިންގާ އައިޖީއެމްއެޗް އަދި ބައެއް އަމިއްލަ ކްލިނިކްތަކުން ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށްދޭއިރު އެތަންތަނުން ޓެސްޓު ކުރާނަމަ ފައިސާ ދައްކަން ޖެހެއެވެ. މާލެ އާއި އަތޮޅުތެރޭގައިވެސް ހިންގަމުން އަންނަ ފްލޫ ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމަށް ފަހު ޑޮކްޓަރު ލަފާ ދީފައިވާނަމަ އެ ތަންތަނުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގާނެއެވެ.

މާލެ ސަރަހައްދުގައި އިތުރު ސާމްޕަލް ސެންޓަރެއް ހުޅުވީ ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުން އިތުރުވެފައިވާތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެ އެޖެންސީން އިއްޔެ ވަނީ މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް އިތުރުވުމާއެކު ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓަކާއި އެކުކަމަށް ބުނެފައެވެ.

އަދި ވެކްސިން ނުޖަހާ މީހުން ރަށްރަށަށް ދާނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުމަށްވެސް އެޗްޕީއޭއިން އެންގިއެވެ. އެއާއެކު ރޭ މާލޭގެ ވެކްސިން ސެންޓަރުތަކުގައި ޓެސްޓު ކުރަން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިއު ހަދާފައެވެ.

އެހެންވެ މިއަދާ މާދަމާ ދަތުރުކުރަ މީހުންނަށް އެޗްޕީއޭއިން ވަނީ ލުއި ގޮތްތަކެއް ވެސް ހަމަޖައްސާ ދީފައެވެ. އެގޮތުން މި ދެ ދުވަހު ރަށަށް ދިއުމަށް ފަހު ރަށުން ސާމްޕަލް ނަގައި ނަތީޖާ ލިބެންދެން ކަރަންޓީން ގައި ހުރެވޭ ގޮތަށް ކަނޑައަޅާފައިވެއެވެ. އެކަމަކު މި ދެ ދުވަހަށް ފަހު ދެން ރަށްރަށަށް ދެވޭނީ މާލެއިން ޓެސްޓު ހަދައި ނަތީޖާ ލިބިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *