މާލޭގެ ސޯޝަލް ސެންޓަރުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގި ކުޑަ ކުއްޖެއްގެ ނޭފަތް އަނިޔާވި މައްސަލައެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބަލަމުން އަންނަ ކަމަށް އެ އެޖެންސީން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކޮށް އެ ކުއްޖާގެ މަންމަ ވަނީ ކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށްދީފައެވެ. އޭނާ ބުނިގޮތުގައި އުމުރުން ހަ އަހަރުގެ އެ ކުއްޖާގެ ނޭފަތުން ލޭ އައިސް މާސްކާއި މޫނި މަތީގައި ހޭކިފައި ހުރިތަން ފެނުނީ ސާމްޕަލް ނަގައިގެން ގެއަށް އައި ފަހުންނެވެ.
އަދި ޑޮކްޓަރަށް ދެއްކުމުން އެއީ ސާމްޕަލް ނެގި އިރު ޓެސްޓު ކުރަން ބޭނުންކުރާ ކަފަބުރު މާ އެތެރެއަށް ކޮއްޕާލުމުން ލިބުނު އަނިޔާއެއްކަން އެނގިފައިވާ ކަމަށްވެސް މަންމަ ބުނެއެވެ. އޭނާ ބުނިގޮތުގައި ކުއްޖާގެ ނޭފަތުން ލޭ މަނާ ނުވެ ގިނަ ވަގުތުތަކެއް ހޭދަވިއެވެ.
އެކަމާ ގުޅިގެން އެޗްޕީއޭގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ޖަޒީރާ" އަށް ވިދާޅުވީ އެ މައްސަލަ މިހާރު އެޗްޕީއޭއިން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ ކޮންމެ މައްސަލައެއް ފެންމަތިވި ނަމަވެސް އެޗްޕީއޭއިން އެކަމެއް ބަލާނެ ކަމަށާއި، އެ އުސޫލުގެ ދަށުން އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށެވެ.
އެކަމަކު އަދި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅެއް އެޅިކަމެއް ނުވަތަ އެކަމުގައި ޒިންމާވާން ޖެހޭ ފަރާތެއް އައިޑެންޓިފައިވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.