އައްޑޫ ސިޓީގެ ހެރެތެރެގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު އަންނަ ހޮނިހިރު ދުވަހު ހުޅުވަން ތައްޔާރުވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ހިންގަމުން އަންނަ ދެ ރިސޯޓު ކަމަށްވާ ޝަންގްރިލާ އަދި ކެނެރީފް ބަންދު ކުރީ ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުއެވެ. ދެ ރިސޯޓުގެ ތެރެއިން ޝަންގްރިލާ ބަންދުކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އަދި ކެނެރީފް ބަންދުކުރީ ދެ އަހަރުގެ މުއްދަތަކަށެވެ.
ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ކްރެސެންޑާސް ހޮސްޕިޓަލިޓީ މެނޭޖްމެންޓް" އާ ދިވެހި ކުންފުންޏެއް ގުޅިގެން ހިންގަމުން އަންނަ ކެނެރީފް ރިސޯޓު ބަންދުކުރީ ކޮވިޑް-19އާ ގުޅިގެން ދިމާވި ދަތިތަކާހެދި އެ ރިސޯޓަށް ބޭނުންވާ އެހީތެރިކަން ނުލިބޭ ކަމަށް ބުނެއެވެ. އެ ރިސޯޓު ބަންދުކުރި އިރު އެތަން ފަހުން ވަނީ ކޮވިޑް-19 ޖެހޭ މީހުންނާއި ކޮންޓެކްޓުން ބައިތިއްބާ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައިވެސް ބޭނުންކޮށްފައެވެ.
އެ ރިސޯޓު ހުޅުވަން މިހާރު ތައްޔާރުވެފައިވާކަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ "ޖަޒީރާ" އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ރިސޯޓު ހުޅުވާނީ ހޮނިހިރު ދުވަހު ކަމަށެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަސް ތެރޭވެސް އެ ރިސޯޓު ހުޅުވަން މަސައްކަތްކުރިނަމަވެސް އެ ތާރީހުގައި ރިސޯޓު ހުޅުވުން ލަސްވީ ބޭރުން ގެނައި ބައެއް މުދާތަކެއްގެ ލަސްތަކެއް ހުރުމުންކަމަށް އެ ރިސޯޓުން ބުނެފައިވެއެވެ.
ކެނެރީފް ހުޅުވަން ތައްޔާރުވެފައިވީ ނަމަވެސް ޝަންގްރިލާ ހުޅުވާނެ ތާރީހެއް އަދި ޔަގީނެއް ނުވެއެވެ. އެ ރިސޯޓުވެސް ހުޅުވަން ވާން ޖެހޭ ތައްޔާރީތައްވެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމް ވަނީ އެ ރިސޯޓު ހުޅުވާނީ މަރާމާތުކުރަން ފަށާތާ ހަ މަސް ވަރު ފަހުން ކަމަށް ވިދާޅުވެފައެވެ.
މޭޔަރު ނިޒާރު މިއަދު ވިދާޅުވީ އެ ރިސޯޓު ހުޅުވަން މިހާރު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ އާ އެކު އެކަމުގެ މަޝްވަރާކުރަމުން އަންނަ ކަމަށާއި އަދި ހުޅުވޭނެ ތާރީހެއް ޔަގީން ނުވާ ކަމަށެވެ.
އައްޑޫ ސިޓީގައި ޖުމްލަ ތިން ރިސޯޓެއް ހިންގައެވެ. އެއީ ސައުތު ޕާމް އިސްމައިލަހެރަ، ޝަންގްރިއްލާ ވިލިނގިލި އަދި ހެރެތެރޭގައި ހިންގާ ކެނެރީފްއެވެ. އޭގެ ތެރެއިން ކޮވިޑް-19 އަށް ބަންދުކުރުމަށް ފަހު ހުޅުވާފައި ވަނީ ސައުތު ޕާމް ރިސޯޓު އެކަންޏެވެ. ބާކީ ދެ ރިސޯޓު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އައްޑޫ ސިޓީގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު 500 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ނަމަވެސް މިހާރު ކެނަރީފް ހުޅުވަން ތައްޔާރުވެފައިވާތީވެ، އެއީ އެ ސިޓީގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްކަމަށް ބެލެވެއެވެ.