މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ގުޅިގެން ރޭ ދަންވަރު ފެށި ހާއްސަ އޮޕަރޭޝަން އަދިވެސް ނުނިމޭކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ ފެށި އެ އޮޕަރޭޝަނަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެހީތެރިކަމާއެކު "ގުޅިގެން" ގެ ނަމުގައި ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ވެރިރަށް މާލޭގެ އަމާންކަން ޔަގީންކުރުމުގެ ގޮތުން ކުރިޔަށް ގެންދާ އޮޕަރޭޝަނެއްކަމަށްވެސް ފުލުހުން ބުނެއެވެ.
އެ އޮޕަރޭޝަނާއި ގުޅިގެން ފުލުހުންގެ އޮފިޝަލަކު 'ޖަޒީރާ' އަށް ވިދާޅުވީ އެއީ 24 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއްކަމަށާއި އެހެންކަމުން އަދިވެސް އެ އޮޕަރޭޝަން ކުރިޔަށް ދާކަމަށެވެ. އަދި މިހާތަނަށް އެ އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ އަދި އޮޕަރޭޝަނާއި ބެހޭ އެއްވެސް އިތުރު ތަފްސީލެއްވެސް ފޯރުކޮށްދެވޭނީ އޮޕަރޭޝަން މުޅިން ނިމުމުންކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮޕަރޭޝަނަކީ ޓެރަރިޒަމްގެ ނުރައްކަލަކާއި ގުޅިފައިވާ އޮޕަރޭޝަނެކެވެ. އަދި މިހާތަނަށް އެކަކު ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، މާ ބޮޑު އިތުރު ތަފްސީލެއް އެ އޮޕަރޭޝަނާއި ގުޅިގެން ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފާއި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދާއިރު، މިދިޔަ ހަފްތާ ތެރޭ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ވިލިމާލެއިން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.