އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މާލެއިން މިދިޔަ އަހަރުގެ މާޗު މަސްތެރޭ ހައްޔަރު ކުރި ގދ. ތިނަދޫ، އަލަމާގެ، މުހައްމަދު ރުސްތުމް މުޖުތަބާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު 9 ޖަހާއިރަށް ތާވަލުކޮށްފައި އޮތް ރުސްތުމްގެ މައްސަލައިގެ އަޑުއެހުމެއް ކެންސަލްކޮށްފައިވާ ކަމަށެވެ. އަޑުއެހުން ކެންސަލްކުރީ ރުސްތުމް ބަލިވެ އުޅޭތީ ޝަރީއަތަށް ހާޒިރުނުވެވޭނެތީވެ އެކަން އެންގުމުންނެވެ. އުމުރުން 37 އަހަރުގެ ރުސްތުމްގެ މައްޗަށް އެމައްސަލައިގައި ކުރަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމުގެ ދައުވާއަކާއި އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ދައުވާއެކެވެ.
އެމައްސަލައިގައި އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު މާލެއިންނެވެ. ނަމަވެސް، އޭގެ ކުރިންވެސް ފާޅުގައި އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ ކަމަށް ބުނާ މައްސަލައެއްގައި އޭނާ ވަނީ ހަމަ އެ މަސް ތެރޭ ތިނަދުއިން ހައްޔަރުކޮށްފައެވެ.
އެމައްސަލައަކީ ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި ބާއްވައި ޒުވާނުންނަށް ދީނާއި ދެކޮޅު ވާހަކަތައް ކިޔައިދިނުމާއި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އެމައްސަލައިގައި އޭނާ ހައްޔަރުގައި ހުއްޓާ ތިނަދޫ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރީ މާލޭގައި ހުއްޓައެވެ.