އިމާދުއްދީން ސްކޫލުގެ ދަރިވަރުންތަކެއް. މާލެ ސަރަހައްދުގެ ސްކޫލުތައް ދެވަނަ ޓާމަށް ކިޔަވަން ފަށާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މިއަދު ވަނީ އަންގާފަ. ފޮޓޯ: ޕީއެސްއެމް

މި މަހުގެ 16 ވަނަ ދުވަހު ސުކޫލްތަކުގެ ދެވަނަ ޓާމަށް ކިޔެވުން ފަށާއިރު ކޮވިޑާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ކިޔެވުން ފަށަން ހަފްތާއަކަށް ވެފައިވާއިރު އެޑިއުކެޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރޭތީވެ ހާއްސަ ފިޔަވަޅުތަކެއް ސްކޫލްތަކުގައި އެޅުމަށް އަންގާފައެވެ.

މިއަދު އަޅަން ނިންމި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކުގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން އުޅުން އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ސްކޫލުގައި ހަމަޖައްސާފައި ހުރުން ހިމެނެއެވެ. އަދި މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލުގެ ތެރޭގައި ގުރޫޕް ހަދައިގެން ކައިބޮއި ނުހެދުން ފަދަ ފިޔަވަޅުތައްވެސް ހިމެނެއެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތައް:

  • ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލު މުވައްޒަފުން ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭ ޕީސީއާރު ޓެސްޓެއް ހެދުމަށާއި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން
  • މޮނިޓަރިން ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކުރުމަށްފަހު އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ ތިން ދުވަސް ނުވަތަ ހަތަރު ދުވަސްތެރޭ ޕީސީއާރު ޓެސްޓެއް ހެދުމަށާއި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން
  • ސްކޫލުތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން އުޅުން އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ސްކޫލުގައި ހަމަޖައްސާފައި ހުރުން
  • ކިޔެވުން ފެށުމުން އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލުގެ ތެރޭގައި ގުރޫޕް ހަދައިގެން ކައިބޮއި ނުހެދުން
  •  ސްކޫލުތެރޭގައި ގާއިމްކޮށްފައިވާ އިންފެކްޝަން ކޮންޓްރޯލް ފިޔަވަޅުތަކުގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުން

އެފިޔަވަޅުތައް ސްކޫލުތަކުން ތަންފީޒުކުރުމަށް މިނިސްޓްރީން އަންގާފައިވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ކޮވިޑުގެ ހާލަތާއި ގުޅިގެން އާންމުކޮށްފައިވާ މިންގަނޑުތަކަށް އަމަލުކުރުމަށްވެސް މިއަދު މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ އަންގާފައެވެ.

ރާއްޖެގެ ސްކޫލުތަކުގައި ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި، ޗުއްޓީ ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. ޖުމްލަ 23 ދުވަހުގެ ޗުއްޓީއެއް ނިންމައި ސުކޫލްތައް އަޅުން ހުޅުވައި ދެވަނަ ޓާމަށް ކިޔަވައިދޭން ފަށާނީ މިމަހުގެ 16 ވާ އާދިއްތަ ދުވަހުއެވެ.

ސްކޫލްތަކުން ހާއްސަ ފިޔަވަޅުތަކަކަށް އަމަލުކުރަން އަންގާފައިވާއިރު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައިވެސް  މާދަމާއިން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ.

އެގޮތުން، ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ މީހުން މާލެއިން ބޭރަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ މީހެއްނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމަށާއި އެ އަދަދަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަރަކާތްތައް އެ އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް އެޗްޕީއޭއިން އެންގިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *