ކޮވިޑުގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ އާ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެޗްޕީއޭއިން މިއަދު އިއުލާންކުރި އާ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ މީހުން މާލެއިން ބޭރަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ.
އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ މީހެއްނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ ތެރޭގައި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން އިސްތިސްނާވެއެވެ.
Everything you need to know about HPA's new measures regarding COVID-19! The measures will come into effect tomorrow. Read More: https://t.co/VPcaqYyExU
⬇️ pic.twitter.com/RKXc48s6EK— Jazeera News (@JazeeraBrk) January 9, 2022
އެފަދަ މީހުން ކަރަންޓީނުން ދޫކުރާނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރު ޓެސްޓެއް ހަދައި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.
މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުމަށާއި އަދި ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން 'ހާލުބެލުން ޕޯޓަލް' އިން ހުއްދަ ހޯދައިގެން ދަތުރުކުރަންވެސް އެޗްޕީއޭއިން އަންގައެވެ.
އޭގެ އިތުރުންވެސް 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމަށާއި އެ އަދަދަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަރަކާތްތައް އެ އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް އެޗްޕީއޭއިން އެންގިއެވެ.
އަދި މަގުމަތީ ބާޒާރުތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އެގޮތަށް އެޗްޕީއޭއިން އެންގިއިރު، ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ބާއްވާ ފަރާތްތަކުން އެ ބާޒާރުތައް ބާއްވަން އެ އެޖެންސީން ދިން ހުއްދަ މިހާރު ވަނީ ބާތިލުކޮށްފައެވެ. އެނިންމުމާއި ދެކޮޅަށް ނައިޓް މާކެޓް ބާއްވާ ފަރާތްތައް ވަނީ އިއްޔެ މުޒާހަރާވެސް ކޮށްފައެވެ.
އަދި އޭގެ އިތުރުންވެސް ކުޅިވަރު މުބާރާތްތައް، ކުޅިބަލާމީހުންނަށް ނުވަދެވޭ ގޮތަށް ބޭއްވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.
އެފިޔަވަޅުތަކަށް އަމަލުކުރަން ފަށަނީ މާދަމާއިން ފެށިގެންނެވެ.
ކޮވިޑް ފެތުރޭތީ ހާއްސަ ފިޔަވަޅުތަކެއް އެޗްޕީއޭއިން މި އެޅީ ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވަނިކޮށެވެ. މާދަމައިން ފަށައިގެން ތަންފީޒުކުރަން ފަށާ އެ ފިޔަވަޅުތަކަކީ މިދިޔަ އަހަރު ކޮވިޑުގެ ހާލަތު އެންމެ ގޯސްވިއިރުވެސް އެޅި ފިޔަވަޅުތަކެވެ.
އޭގެ އިތުރުންވެސް މާލޭގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް އަންގާފައިވާ އެންގުމަށް އެންމެ ރަނގަޅަށް އާންމުން އަމަލުނުކުރާތީ އަދި ތަންފީޒުވެސް ނުކުރާތީ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަޔަށް ތަންފީޒުކުރަން ފަށާފައެވެ.
ފިޔަވަޅުތައް ވަރުގަދަކުރިއިރު، އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެވެސް ރާއްޖޭން 337 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 101 މީހަކު މާލެ ސަރަހަށްދަށް ނިސްބަތްވާއިރު މިފަހަކަށް އައިސް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.